އެކި އަސްކަރީ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އަވަށްޓެރި އިންޑިއާގެ ސިފައިން އަނބުރާ ގެންދިޔުމުގެ މަސައްކަތް އަވަސް ކުރަން އެގައުމުން މިއަދު އެއްބަސްވެއްޖެއެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމާ ގުޅޭ ގޮތުން އުފައްދާފައިވާ މަތީ ފަންތީގެ ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން މިއަދު ފޮރިން މިނިސްޓްރީގައި ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމުގެ ބައިވެރިންގެ ތެރޭގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ހިމެނިވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ، ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ދެ ގައުމުގެ މަސްލަހަތު އޮތް ތަފާތު ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށާއި އޭގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ދިނުމާ ގުޅޭ ވާހަކަތައް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"ދެ ފަރާތުން ވަނީ އެއްބާރުލުން އިތުރުކުރުމަށާއި އިންޑިއާ ސިފައިން ގެންދިޔުން އަވަސް ކުރުމަށް އެއްބަސްވެފައި،" އެ މިނިސްޓްރީން ބުންޏެވެ.
އެފަދަ ބައްދަލުވުމެއް ދެން ބާއްވާނެ ތާރީޚެއް މިހާތަނަށް ކަނޑައަޅާފައި ނުވި ނަމަވެސް ދެ ގައުމަށް ފަސޭހަ ތާރީޚެއްގައި ދެވަނަ ބައްދަލުވުމެއް ބާއްވަން އެއްބަސްވެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ގްރޫޕް އެކުލަވާލާފައިވަނީ ދުބާއީގައި އޮތް ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވުމަށް ފަހުގައެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވަނީ، މާޗު 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން ރައީސް އެގައުމުގައި އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ގާއިމުވެ ތިބޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ ސިފައިން އަނބުރާ ފޮނުވައިލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މީހުން އަނބުރާ ގެންދަން ރާއްޖެއިން ވަނީ ރަސްމީކޮށް އިންޑިއާ ސަރުކާރުގައި ވެސް އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފުތާގައި ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު، އެނބުރި މާލެ ވަޑައިގެން އިއްޔެ ވަނީ އިންޑިއާއަށް ނުސީދާ ގޮތެއްގައި ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފައެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ ކުޑަވުމަކީ ބޭރުގެ ބޮޑެތި ގައުމުތަކުން ބުލީކުރަން ލިބޭ ލައިސަންސެއް ނޫން ކަމަށެވެ.
ރާއްޖެއިން އިންޑިއާއަށް ބަރޯސާވާ މިންވަރު ކުޑަކުރަން ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، އިއްޔެ އެ މަނިކުފާނު ވަނީ ބޭހާއި ކާޑުގެ ބާވަތްތައް އެހެން ގައުމުތަކުން އެތެރެކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަން އިއުލާނުކުރައްވައިފައެވެ.
އެ މަނިކުފާނު ވިދާޅުވީ، އެއްވެސް ގައުމަކުން އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެއީ ދިވެހީން ބޭނުންވާ ގޮތެއް ވެސް ނޫން ކަމަށެވެ. އެހެންވެ، އެއްވެސް ގައުމަކުން ރާއްޖޭގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވިޔަ ނުދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ އަރުއްވައިފައެވެ.