ޑޯޓުމަންޑުން ފަސޭހަކަމާ އެކު ޑާމްސްޓާޑު ބަލިކޮށްފި

ސަންޗޯގެ އެހީތެރިކަމާ އެކު ރޮއިސް ކާމިޔާބު ކުރި ލަނޑަށް ފަހު އުފާފާޅު ކުރަނީ -- ފޮޓޯ/ އީއެސްޕީއެން ޑޮޓް އައިއެން

ޖަރުމަނު ބުންޑަސްލީގާގައި ބޮރޫޝިއާ ޑޯޓްމުންޑުން ޑާމްސްޓާޑް ނައިޓީ އެއިޓްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޑާމްސްޓާޑްގެ ދަނޑުގައި ކުޅުނު މި މެޗު ޑޯޓްމުންޑުން ކާމިޔާބު ކޮށްފައިވަނީ 3-0 އިންނެވެ.

ޑޯޓްމުންޑުން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 24 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޫލިއަން ބްރަންޓެވެ. މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.

މެޗުގައި ޑޯޓްމުންޑްގެ ދެވަނަ ލަނޑު މެޗުގެ 77 ވަަނަ މިނެޓުގައި ޖަހައިދިނީ މާކޯ ރޮއިސެވެ. މި ލަނޑު ޖެހުމަށް ބޯޅަ ތަނަވަސް ކޮށްދީފައިވަނީ ވަރަށް ފަހުން ލޯން އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގެ މންޗެސްޓާ ޔުނައިޓެޑުން ޑޯޓްމުންޑަށް ބަދަލުވި ޖޯޑަން ސަންޗޯއެވެ. މެޗުގައި ސަންޗޯ ކުޅެން އަރާފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މެޗުގައި ޑޯޓްމުންޑްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޔޫސުފާ މޮއުކޯކޯއެވެ.

މި ނަތީޖާއާ އެކު ޑޯޓްމުންޑަށް މިހާރު އޮތީ ކުޅުނު 17 މެޗުން ލިބިފައިވާ 30 ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގައެވެ. އަދި، ޑާމްސްޓާޑް އުޅެނީ 10 ޕޮއިންޓާ އެކު ތާވަލުގެ އެންމެ ފުލުގައެވެ. މުބާރާތުގެ ތާވަލުގެ އެއްވަނައިގައި އުޅޭ ބަޔާ ޒީރޯ ފޯ ލެވަކޫސެންއާއި އެފްސީ އައުސްބާގު ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބު ކޮށްފައިވަނީ ލެވަކޫސެންއެވެ.

ލެވަކޫސެންއިން މިހާރު ވަނީ ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އެއީ، ކުޅުނު 17 މެޗުން ލިބިފައިވާ 45 ޕޮއިންޓާ އެކުއެވެ. ނަމަވެސް ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ނުކުޅެ އެއް މެޗު އޮތުމުން މި ތަފާތު އެއް ޕޮއިންޓަށް ކުޑަ ކުރުމުގެ ފުރުސަތު ބަޔާނަށް އެބައޮތެވެ.

comment ކޮމެންޓް