ޗެލްސީއިން ފުލަމް ބަލިކޮށްފި

ޕާމާ ޖަހާދިން ލަނޑަށްފަހު ޗެލްސީގެ ކުޅުންތެރިން އޭނާއަށް މަރްހަބާ ކިޔަނީ / ފޮޓޯ: ޕަންޗް ނިއުސްޕޭޕާސް

އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީ އާއި ފުލަމް ބައްދަލުކުރި ލަންޑަން ޑާބީ ޗެލްސީ ކާމިޔާބު ކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމް ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ.

އެންމެ ފަހުން ކުޅުނު މެޗުގައި ކަަރަބާއޮ ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ ލެގްގައި މިޑިލްސްބްރާ އަތުން ބަލިވެފައިވުމުގެ ސަބަބުން އާ އަހަރު ކުޅުނު ފުރަތަމަ މެޗުން މޮޅުވުމަށް ޗެލްސީގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. ނަމަވެސް މިމެޗުގެ ފުރަތަމަ ހާފުގައި ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ޗެލްސީގެ ކުޅުންތެރިންނަށް ނުހިފެއެވެ.

މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ފުލަމްގެ ކުޅުންތެރިން ޑިފެންޑް ކުރަމުންދިޔަލެއް ވަރުގަދަވުން ހިމެނެއެވެ. މިމެޗުގެ 39 ވަނަ މިނެޓްގައި ޗެލްސީގެ މާލޯ ގުސްޓޯ ފުލަމްގެ ވިލިއަމްއަށް ކުރި ފައުލާ ގުޅިގެން އޭނާއަށް ރަތް ކާޑު ދައްކަން ޖެހޭނެކަމަށް ފުލަމްއިން ގަބޫލް ކުރި ނަމަވެސް ރެފްރީ ދެއްކީ ރީނޑޫ ކާޑެކެވެ. އަދި ވީއޭއާރުން ބެލުމަށްފަހުވެސް ވަނީ ރެފްރީގެ ނިންމުމަށް ތާއީދުކޮށްފައެވެ.

މިމެޗުގައި ޗެލްސީއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހާފައިވަނީ ލިބުނު ޕެނަލްޓީ އަކުންނެވެ. ފުލަމްގެ އީސާ ޑިއޮޕް ޗެލްސީގެ ރަޙިމް ސްޓާލިންއަށް ކުރި ފައުލަކާ ގުޅިގެން ދިން މިޕެނަލްޓީ ކާމިޔާބު ކޮށްދީ ޗެލްސީއަށް ލީޑު ނަގައިދިނީ ކޯލް ޕާމާއެވެ. މިއީ އޭނާ މިސީޒަންގައި ޗެލްސީއަށް ޖަހައިދިން ނުވަ ވަނަ ލަނޑެވެ.

މިމެޗުގެ ދެވަނަ ހާފުގައި ޗެލްސީ ފެނުނީ ފުރަތަމަ ހާފަށް ވުރެ ހަމަޖެހިގެން ކުޅެމުންދިޔަ ތަނެވެ. މިހާފްގައި ޗެލްސީގެ ކެޕްޓަން ކޯނޯ ގެލެގާ ފޮނުވާލި ހަމަލާއެއް ވަނީ ފުލަމްގެ ގޯލް ދަނޑިއަށް އަމާޒުވެފައެވެ. މިމެޗުގައި ފުލަމްއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ރައުލް ހިމަނޭޒް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާވަނީ ޗެލްސީގެ ކީޕާ ޔޯޑްޔޭ ޕެޓްރޮވިޗް ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ޗެލްސީ މިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހަށް ފަހު ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެފައެވެ.

މިކާމިޔާބީއާއެކު ޗެލްސީ މިހާރު އުޅެނީ ކުޅުނު 21 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ފުލަމް އުޅެނީ 24 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.

comment ކޮމެންޓް