ވިއްސާރައިގައި ގަހެއް ވެއްޓި، ޕީއެސްއެމް ކައިރީ އޮތް ކާރަކަށް ގެއްލުންވެއްޖެ

ޕީއެސްއެމް ކައިރިއަށް ގަހެއް ވެއްޓި ކާރަކަށް ގެއްލުން ވެފައި -- ފޮޓޯ/ މާލޭ ސިޓީ ކައުސިލް

މޫސުން ގޯސްވެ، ވައިގަދަވުމާ ގުޅިގެން ގަހެއް ވެއްޓި ޕާކުކޮށްފައި އޮތް ކާރަކަށް މިއަދު ގެއްލުން ވެއްޖެއެވެ.

ގަސް ވެއްޓިފައިވަނީ ރެހެންދި މަގު، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ކައިރިއަށެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނީ، މިހާރު ގަސް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ގަސް ވެއްޓި މަގު ބެދުމުގެ ސަބަބުން އެ މަގު ވެސް ވަނީ ބަންދުކޮށްފައެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ހުރި ބިޔަ، ގިނަ ދުވަސްވީ ގަހެއް ވެއްޓިފައި ވަނީ މުލުން ލުހިގެންނެވެ. އެ ގަސް ވެއްޓިފައި ވަނީ ހުދު ކުލައިގެ ކާރެއްގެ މައްޗަށެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ލޯގަނޑަށް ވަނީ ގެއްލުން ލިބިފައެވެ. ނަމަވެސް، ލިބުނު ގެއްލުމުގެ ތަފުސީލު މިހާތަނަށް ލިބިފައެއް ނުވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

މި ދުވަސްވަކީ ބޯކޮށް ވާރޭވެހި ވައިގަދަ ދުވަސްވަރަކަށް ވުމުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިއަދު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަންނަނީ ވިއްސާރަކުރަމުންނެވެ. މާލޭގެ މަގުތަކުގައި ވެސް ވަނީ ފެންބޮޑުވެފައެވެ.

comment ކޮމެންޓް