ތުރުކީގެ ފެނެބާޗޭއިން މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސް ފޯވަޑް އެންތޮނީ މާޝިއަލް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.
'ސްކައި ސްޕޯޓްސް'އިން ރިޕޯޓުކުރާ ގޮތުގައި، ފެނެބާޗޭއިން މާޝިއަލްގެ ސޮއި ހޯދުމަށް މަސައްކަތްކުރަމުންދަނީ ޔުނައިޓެޑާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނަން ހަ މަސް ދުވަހަށް ވެފައިވުމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފެނެބާޗޭއިން މިހާރު ވަނީ މާޝިއަލް ހޯދުމަށް ޔުނައިޓެޑަށް 6.8 މިލިއަން ޕައުންޑުގެ ބިޑެއް މި ހަފުތާގެ ތެރޭގައި ހުށަހަޅަައިފައެވެ. އެހެންކަމުން މިހާރު ޔުނައިޓެޑުން ވެސް އޭނާ ވިއްކާލުމަށް ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މާޝިއަލްއަކީ މޮނާކޯއިން 2015 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ކުޅުންތެރިއެކެވެ. މިހާތަނަށް އޭނާ ވަނީ ޔުނައިޓެޑަށް ކުޅުނު 317 މެޗުން 90 ގޯލު ކާމިޔާބުކޮށްދީފައެވެ. މާޝިއަލް ވަނީ 2022 ވަނަ އަހަރު ލޯނުގެ ދަށުން ސެވިއްޔާއަށް ވެސް ކުޅެފައެވެ.
އުމުރުން 28 އަހަރުގެ މާޝިއަލް ގެންދިއުމަށް ފެނެބާޗޭގެ އިތުރުން ވެސްޓް ހާމް ޔުނައިޓެޑާއި އިންޓަ މިލާނުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް ޔުނައިޓެޑުން އަދި އޭނާ ދޫކޮށްލުމާ މެދު ރަސްމީކޮށް ނިންމުމެއް ނިންމައިފައެއް ނުވެއެވެ.