މިއަދު ވެސް މާލޭގައި ފެންބޮޑުވެ، ހިންދަން ސިފައިން ނުކުމެއްޖެ

އަމީނީ މަގުގައި ފެންބޮޑުވެފައި: އަމީނީ މަގު ހަލާކުވުމާއި ފެންބޮޑުވުމުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ހައްލު ނުވެ އޮތް މައްސަލައެއް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު މާވީ

މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހި, މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދަން ސިފައިން ނުކުމެއްޖެއެވެ.

ފެން ހިންދަނީ މާލޭ ފުށްގުދަން ހުންނަ ސަރަހައްދާއި، އައިޖީއެމްއެޗު، ވެސްޓްޕާކު، އަދި ބޮޑުތަކުރުފާނުމަގުގައި ހުންނަ ބޮޑުވަޅު ކައިރީ ޕަންޕު ބަހައްޓައިގެން އެ ސަހަރައްދުތަކުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައި ވަނީ، ހެނދުނު 10:30 އިން ފެށިގެން 14:30އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ، އެލާޓު ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން، ރ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައި ވަނީ، މިއަދު ހެނދުނު 09:30 އިން 15:30އާ ހަމައަށެވެ. މެޓު އޮފީހުން ލަފާކޮށްފައި ވަނީ އެ ސަރަހައްދަށް ވެސް ބޯކޮށް ވާރޭވެހި ގުރުރާނެ ކަމަށެވެ. އަދި، ގަޑިއަކު 22 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މިދިޔަ އަންގާރަ ދުވަހު މެޓު އޮފީހުން ބުނީ، ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބި ކަނޑަށް ޖެހެމުންދާނެތީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި، އަރަބިކަނޑަށް ހުރަސްކުރާއިރު އެންމެ ބޮޑަށް ވިއްސާރަވެ، ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށް އެ އޮފީހުން ބުންޏެވެ.

މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން މާލެ ސަރަހައްދުގެ 70 ގެއެއްގައި ފެންބޮޑުވި ކަމަށް މީގެ ކުރިން ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް