ރާއްޖޭގެ ދާޚިލީ ކަންތައްތަކަށް ބޭރުގެ އެއްވެސް ބަޔަކު ނުފޫޒު ފޯރުވުމަކީ ޗައިނާއިން ދެކޮޅު ހަދާ ކަމެއް ކަމަށް އެގައުމުން ބުނެފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތުފުޅަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ ހޯމަ ދުވަހު އެގައުމަށް ވަޑައިގެންފައެވެ.
އެ ދަތުރުފުޅާ ގުޅިގެން މިއަދު ދެ ގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ، ދެ ގައުމުގެ މަސްލަހަތުތައް ރައްކާތެރި ކުރުމަށް އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދެމުން ދިޔުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.
އެގޮތުން، ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމާއި ކަރާމާތް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށާއި މި ގައުމު ތަރައްގީ ކުރާނެ ގޮތާ ގުޅޭ ގޮތުން އަމިއްލައަށް ނިންމާ ނިންމުންތަކަށް ޗައިނާ އެއްބާރުލުންދީ އިހުތިރާމު ކުރާ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި ރާއްޖެއިން 'ވަން ޗައިނާ' އުސޫލު ބަލައިގަނެ، ޓައިވާނަކީ ޗައިނާއާ ވަކިނުކުރެވޭނެ، އެ ގައުމުގެ ބަޔެއްގެ ގޮތުގައި ބަލައިގަންނަ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން ޗައިނާގެ އިސްތިގުލާލާއި ސަރަހައްދީ އިމާ ފުށޫއަރާ ވާހަކަތަކާއި އަމަލުތަކާ ރާއްޖެއިން ދެކޮޅު ހަދާ ކަމަށާއި ޓައިވާން ވަކިކުރުމަށް ހިންގާ ހަރަކާތްތަކާ ވެސް ދެކޮޅު ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ހަމައެއާއެކު އެއްވެސް ގައުމަކުން ޗައިނާގެ ދާޚިލީ ކަންތައްތަކަށް އެއްވެސް ސަބަބަކާ ހެދި ނުފޫޒު ފޯރުވުމާ ރާއްޖެއިން ދެކޮޅު ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައިވާ ގޮތުން ރައީސް ވަނީ، ރާއްޖެ ވަޑައިގަތުމަށް ޗައިނާގެ ލީޑަރުންނަށް ދައުވަތު ދެއްވައިފައެވެ. އަދި އެކަމާ ގުޅޭ ގޮތުން ދެ ގައުމުން މަޝްވަރާ ކުރާނެ ކަމަށް އެ ބަޔާނުގައިވެއެވެ.
ރައީސްގެ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ރައީސް ޝީ އާއި ބޮޑުވަޒީރު ލީ ޗަންގްއާ ވެސް ބައްދަލުކުރައްވައިފައެވެ.
ރައީސްގެ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް ފެށިފައިވާ ކމަށް ޝީ ވަނީ އިއްޔެ ވިދާޅުވެފައެވެ. އަދި އިއްޔެ ދެ ގައުމުގެ ދެމެދުގައި ތަފާތު ދާއިރާތަކުން 20 އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއުކޮށްފައެވެ.