ރައީސްގެ ދަތުރުފުޅާއެކު ދެގައުމުގެ ގުޅުމުގެ އާ ބާބެއް ފެށިއްޖެ: ޝީ

ރައީސް މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު: އެ ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މެދުގައި ފަތުރުވެރިކަމާއި ދަތުރުފަތުރު ފުޅާކުރަން މަޝްވަރާކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް ފެށިފައިވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޝީ އެފަދައިން ވިދާޅުވީ ރައީސް މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ބޭފުޅުން މިއަދު ބޭއްވެވި ރަސްމީ މަޝްވަރާ ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ބެއިޖިންގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިގްތިސާދީ ކާމިޔާބީގައި ޗައިނާއިން އަދާކުރާ މުހިންމު ދައުރާއި، ރާއްޖޭގެ އިޖްތިމާއީ ބޯހިޔާވަހިކަމާއި، މަތީ ތައުލީމާއި، އުމްރާނީ ތަރައްގީއަށް ޗައިނާއިން ދޭ ދީލަތި އެހީތެރިކަމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސް ޝީ ވަނީ ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުން ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގެ ނޫ، ފެހި އަދި ޑިޖިޓަލް އިގްތިސާދުގެ އިތުރުން އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހި ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ދެ ބޭފުޅުން ވިދާޅުވިއެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ޝީގެ ދައުވަތުފުޅަކަށް ޗައިނާއަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އެ މަނިކުފާނާ އެކު ސަރުކާރުގެ ވަޒީރު ބޭފުޅުންނާއި އެ ނޫން ވެސް އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. މަތީފަންތީގެ ބައްދަލުވުންތަކަށް، ރައީސް މުއިއްޒު ޗައިނާގެ ވެރިރަށް ބެއިޖިންއަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ޗައިނާގެ ރައީސް ޝީ ވަނީ ރައީސް މުއިއްޒަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.

comment ކޮމެންޓް