މީސްމީޑިއާގައި ހައްސާސް މައްސަލަތަކަށް ވަރަށް ބޮޑަށް އާންމުންގެ ނުރުހުން އަމާޒުވާގޮތަށް ބަސްބުނާ، ކާކުކަން ނޭނގޭ އެކްސް އެކައުންޓު 'ހަސަން ކުރުސީ'އާ އެ މަނިކުފާނާއި އެ މަނިކުފާނުގެ ދޮށީ ދަރިކަލުން މީރާ ލައިލާ ނަޝީދާ އެއްވެސް ގުޅުމެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރާ ގުޅުވައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ވަނީ ނުރަނގަޅު އަސަރުތަކެއް ކޮށްފައެވެ. މި ދަނޑިވަޅުގައި ކާކުކަން ނޭނގޭ ކުރުސީ އެކައުންޓުން ދަނީ އިންޑިއާއާ މެދު ނަފުރަތު އުފެދޭގޮތަށް އެކްސްގައި ޕޯސްޓު ކުރަމުންނެވެ.
އިންޑިއާގެ ބައެއް އެކްޓިވިސްޓުން އަންނަނީ، ހަސަން ކުރުސީ އެކައުންޓު ހިންގަނީ ނަޝީދުގެ ދަރިކަނބަލުން މީރާ ކަމަށް ތުހުމަތު ކުރައްވައި، މީރާގެ ފޮޓޯ މީސްމީޑިއާގައި ހިއްސާ ކުރަމުންނެވެ.
އެ ތުހުމަތުތައް މީރާ ވެސް ވަނީ ދޮގުކުރައްވައިފައެވެ. އިތުރަށް އެ ތުހުމަތުތައް ދޮގުކުރައްވައި ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަސަން ކުރުސީ އެކައުންޓާ އެ މަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި، އެއީ އެ މަނިކުފާނުގެ ދަރިކަނބަލުން މީރާ ހިންގަވާ އެކައުންޓެއް ނޫންކަމުގެ ޔަގީންކަން ވެސް ނަޝީދު ވަނީ އަރުވައިފައެވެ.
"އަދި، އެ އެކައުންޓުން ދައްކައި އިންޑިއާއާ ދެކޮޅު ވާހަކަތަކަށް ވެސް އަޅުގަނޑު ތާއީދެއް ނުކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
މިހާރު 25،000 އަށް ވުރެ ގިނަ މީހުން ފޮލޯކުރާ ހަސަން ކުރުސީއަކީ އެކްސްގައި އެންމެ މަގުބޫލު އެއް ޝަހުސިއްޔަތެވެ. އެކަމަކު، އެ އެކައުންޓު ހިންގާކަމުގެ ތުހުމަތު އެކި ދުވަސްވަރު އެކިއެކި މީހުންނަށް އަމާޒުވިޔަސް އެ އެކައުންޓު އަސްލު ހިންގަނީ ކޮން ބައެއް ކަމެއް މިހާތަނަށް ހާމަވެފައެއް ނުވެއެވެ.
އެކްސްގައި މީހުންނަށް ބޮޑެތި ތުހުމަތުތައްކޮށް، ނަފުރަތު އަމާޒުވާހެން ޕޯސްޓުކުރާތީ، އެއީ ކާކުކަން ހޯދަން ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން އަމުރެއް ވެސް ނެރުނެވެ.
މީގެ ކުރިން ވެސް، އެއީ ނަޝީދު ހިންގާ އެކައުންޓެއް ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. އަދި، އެ މައްސަލަ ބޮޑުވެ، އެ މަނިކުފާނުގެ އެދިލެއްވުމަށް ހަސަން ކުރުސީއަކީ ކާކުތޯ ދެނެގަތުމަށް ފުލުހުން ތަހުގީގެއް ވެސް ފެށިއެވެ. އެކަމަކު، އެ މައްސަލަ ވެސް ކޮޅެއްގައި ޖެހިފައެއް ނުވެއެވެ.