މާލޭގައި ހަތަރު ޕާކިން ބިލްޑިންގު އެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނެ: ނަރީޝް

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް -- ފޮޓޯ/ ސިޓީ ކައުންސިލް

މާލޭގައި އަޅަން ނިންމައިފައިވާ ޕާކިން ބިލްޑިންގުތަކުގެ ތެރެއިން ހަތަރު ބިލްޑިންގެއްގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް މާލޭ ސިޓީގެ މޭޔަރުގެ ޒިންމާތަކާ ހަވާލުވެހުންނެވި އަހުމަދު ނަރީޝް މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރު މިރޭ މާފަންނު ފިނި ޕާކުގައި ބޭއްވެވި ކެމްޕެއިނު ޖަލްސާގައި ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ، މާލޭގެ ލޭންޑް ޔޫސް ޕްލޭން މިހާރު ފާސްވެފައި އޮތުމާއެކު އަންނަ މަހު ހަތަރު ޕާކިން ބިލްޑިންގުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އަދި ފުރަތަމަ ޕާކިން ބިލްޑިންގުގެ މަސައްކަތް ފަށާނީ މާފަންނު ފިނި ޕާކު ހުންނަ ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ސަރަހައްދުގެ ރައްޔިތުންނަށް އެންމެ ބޮޑު އެއް މައްސަލަ، ޕާކިން މައްސަލަ. މިި މަގުތަކަކީ ކުރިން ކާރު ދުއްވުނު މަގުތަކޭ. އެކަމަކު މިހާރަކު ނުދުއްވޭ. އެ ހައްލު އިރާދަކުރެއްވިއްޔާ މިތަނުގައި މި އަޅާ ޕާކިން ބިލްޑިންގުން އަޅުގަނޑުމެން މި ސަރަހައްދުގެ ރައްޔިތުންނަށް ހޯދައިދޭނަން،" ނަރީޝް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެފަދަ ހައްލުތައް ގެނެވޭނީ ސަރުކާރާ ގުޅޭނެ މޭޔަރެއް އިންތިޚާބު ކޮށްގެން ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕާކިން ބިލްޑިންއެއް އެޅުމައްޓަކައި ސިޓީ ކައުންސިލަށް ކުރިން ލިބިފައި އޮތް ބިމެއްގެ މުއްދަތު އިތުރު 50 އަހަރަށް އިތުރު ކޮށްދޭން ކުރީގެ ސަރުކާރުގައި އެދުނު ކަމަށެވެ. އަދި އެތަނުގައި 1800 ކާރު ޕާކް ކުރެވޭ ގޮތައް އިމާރާތެއް އަޅަން ނިންމައި، އިސްލާމިކް ބޭންކާ ވާހަކަ ދައްކައިގެން ލޯނު ނެގުމަށްފަހު ސަރުކާރުގައި އެދުމުންވެސް އެ މަގު ފަހިކޮށް ނުދިންކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް މޭޔަރުގެ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވީ ކުރީގެ މޭޔަރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމުންނެވެ.

މާލޭ ސަރަހައްދުގައި ޕާކު ކުރާނޭ އިތުރު ޖާގަތައް ގާއިމު ކުރެވެންދެން ފުލުހުން ވަނީ ޕާކިން ސްޓިކާ ޖެހުން ވަގުތީ ގޮތުން މަޑުޖައްސާލައިފައެވެ.

ވެހިކަލް ތޮއްޖެހުމުގެ މައްސަލަ މާލޭ ސަރަހައްދުގައި ބޮޑުވެ ޕާކިން ޖާގަ ނެތުން ވެސް ވެފައިވަނީ ބޮޑު މައްސަލައަކަށެވެ. އެހެންވެ، ޕާކިން ޖާގަ އިތުރުކުރުމަކީ ރައީސްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި މާލެގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ގާއިމުކުރި ނަމަވެސް އެ ސިސްޓަމްތައް ބޭނުންނުކުރެވި، ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

comment ކޮމެންޓް