ޗައިނާއާ އިތުރަށް ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކަށް، ރައީސް ބެއިޖިންއަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބެއިޖިންގައި: އެ ސިޓީގައި ރައީސް މަތީ ފަންތީގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ވެރިރަށް ބެއިޖިންއަށް މިއަދު ވަޑައިގެންފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތުފުޅަކަށް އިއްޔެ ޗައިނާއަށް ވަޑައިގެންނެވި ރައީސް ފުރަތަމަ ވަޑައިގަތީ އެގައުމުގެ ފޫޖިއާން ޕްރޮވިންސަށެވެ.

އެ ބޭފުޅުންނަށް ބެއިޖިންއިން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާއެވެ.

ރައީސްއާއެކު ބައެއް މިނިސްޓަރުން ވެސް ވަޑައިގެންނެވިއިރު އޭގެ ތެރޭގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހިމެނިވަޑައިގަންނަވައެވެ.

ޒަމީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ތިން ދުވަހު ރައީސް މަތީ ފަންތީގެ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، ޗައިނާއާ ގުޅިގެން އިތުރަށް މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމާއި މި ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްތައް ހާމަކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބެއިޖިންގައި: އެ ސިޓީގައި ރައީސް މަތީ ފަންތީގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރައީސްގެ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ، ފޫޖިއާންގައި 'އިންވެސްޓް މޯލްޑިވްސް 2024'ގެ ނަމުގައި ބޭއްވި ވިޔަފާރި ފޯރަމެއްގައި ބައިވެރިވެވަޑައިގެންފައެވެ.

އެ ފޯރަމްގައި ރައީސް ވަނީ، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަށް ހަދައިދިނުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވިހި އަހަރު ދުވަހުގެ މާސްޓާ ޕްލޭންގެ ދަށުން ހިންގާ ތަރައްގީގެ ބިޔަ މަޝްރޫއަށް، ޗައިނާގެ އިންވެސްޓަރުންގެ އެހީއަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް