އީޔޫއިން ލަފާދިނީ އިންތިޚާބާ ދިމާކޮށް ވަޒީފާ ދިނުން ހުއްޓުވަން ގާނޫނެއް އެކުލަވައިލަން

އިންތިޚާބު އޮބްޒާވްކުރަން ރާއްޖެ އައި އީޔޫގެ ވަފުދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

އިންތިޚާބުތަކާ ދިމާކޮށް ގިނަ ބަޔަކަށް ވަޒީފާ ދިނުމާއި، ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށް ގާނޫނެއް އެކުލަވައިލުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފަރާތުން ރިޔާސީ އިންތިޚާބު އޮބްޒާވްކުރި އޮބްޒާވަރުން ލަފާ ދީފިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އީޔޫ އިން ކުރި އޮބްޒަވޭޝަންގެ ފައިނަލް ރިޕޯޓު މިއަދު ވަނީ އާންމުކޮށްފައެވެ.

އެ ރިޕޯޓުގައިވަނީ، ކެމްޕެއިން ބޭނުންތަކަށް ދައުލަތުގެ މުދަލާއި ސަރުކާރު ހިއްސާވަ ކުންފުނިތައް ބޭނުންކޮށްފައިވާކަން ހާމަވާ ކަމަށެވެ.

އަދި ވަޒީފާތައް ދިނުމާއި ރަށްރަށުގައި ތަފާތު މަޝްރޫއުތައް އިންތިޚާބާ ދިމާކޮށް ފަށައިފައިވާކަން ވެސް ފާހަގަކުރެވުނުކަމަށް އީޔޫއިން ވަނީ ބުނެފައެވެ.

މި ކަންކަން ހުއްޓުވުމަށް އީޔޫއިން ދީފައިވާ ލަފައަކީ، ދައުލަތުގެ ވަސީލަތްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ކެމްޕެއިންގައި ބޭނުންކުރުމާ ގުޅޭ ގަވާއިދެއް އެކުލަވައިލުމެވެ.

އެ ގަވާއިދުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވުން ހުއްޓުވުމާއި އިންތިޚާބަކީ މިހާރަށްވުރެ ބޮޑަށް ދެފުށް ފެންނަ އިންތިޚާބަކަށް ހެދޭނެކަމަށް އީޔޫއިން ގަބޫލު ކުރެއެވެ.

ސެޕްޓެމްބަރު 9، 2023: ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުން -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

މީގެ އިތުރުން، އިންތިޚާބާ ގުޅިގެން އީޔޫއިން ދީފައިވާ ބައެއް ލަފާތަކުގެ ތެރޭގައި ހިމެނެނީ:

  1. އިންތިޚާބުތަކާ ގުޅޭ އާންމު ގަވާއިދެއް އެކުލަވައިލާ، ހުރިހާ އިންތިޚާބަކަށް އެ ގަވާއިދު ބޭނުންކުރުން
  2. އާންމުންނާއެކު އޮންނަ ގުޅުން ވަރުގަދަ ކޮށް ދެފުށް ފެންނަ އިންތިޚާބަކަށް ހެދުމަށް ޓަކައި ސިޔާސީ ޕާޓީތަކާއެކު ގަވައިދުން ބައްދަލުވުންތައް ބާއްވާ މި ބައްދަލުވުންތަކުގައި އާންމުން ވެސް ހިމެނުން
  3. އޮފިޝަލުންގެ މެދުގައި މައުލޫމާތު މުއްސަނދި ކުރުމަށާއި ވޯޓުލުމުގެ މަރުހަލާ ކުރިއަށް ދާގޮތް ރަނގަޅަށް އޮޅުންފިލުވައިދިނުމަށް އިންތިޚާބުގެ ހުރިހާ މަރުހަލާއެއްގައި އަމަލު ކުރާނެ ގޮތް ލިޔުމެއްގެ ސިފައިގައި ފެންނަ ގޮތަށް ބޭއްވުން
  4. އާންމުންގެ މެދުގައި ވޯޓާ އެޑިއުކޭޝަން އިތުރުކުރުމަށް ގަވާއިދުން ޕްރޮގްރާމަތަކެއް ގައުމީ ފެންވަރުގައި އަބަދުވެސް ކުރިއަށް ގެންދިއުން. ވޯޓު ވިއްކުމާއި ގަތުމުގެ އަމަލުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުން
  5. ސިޔާސީ ޕާޓީތަކާއި ރިޔާސީ ކެންޑިޑޭޓުން ޖަވާބުދާރީ ކުރުވުމަށް ކެމްޕެއިން ފައިނޭންސާ ގުޅޭ ލީގަލް ފްރޭމްވޯކް ދިރާސާކޮށް ކަންކަން ފޫބެއްދުން.
  6. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކެޕޭސިޓީ ހުރި މިންވަރަކުން ކެމްޕެއިން ކަވަރޭޖް ގަވާއިދަށް ފެއްތުމަށް ޓްރެއިނިން ދީ، މޮނިޓާކޮށް، މަސައްކަތް ކުރުން
  7. އެޑިޓޯރިއަލްތަކާއި، ފައިސާއަށް އަދި ހިލޭ ހަދައިދޭ ކޮންޓެންޓް އެންގުމަށް ފްރޭމްވޯކެއް އެކުލަވައިލާ، ދައުލަތުގެ މީޑިއާ މެދުވެރިކޮށް ސަރުކާރު ހިއްސަވާ ޕާޓީގެ ސިޔާސީ ހަރަކާތްތައް ކަވަރުކުރުން ހުއްޓުވުން.
  8. ނޫސްވެރިންނަށް ޓްރެއިނިން ދިނުމާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކޯސްތައް ހިންގުން އަދި އިންތިޚާބު ތެރޭ މެދު މިންގަނޑެއްގައި ކަންކަން ކަވަރުކުރުމަށް ބުނެދިނުން.
  9. ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރާއިރު އެލެކްޓޯރިއަލް ލީގަލް ފްރޭމްވޯކާ އެއްގޮތަށް ކަންކަން ގެންދިއުން އަދި މި ކަން ތަންފީޒުކުރުމުގެ ބާރު މޯލްޑިވްސް މީޑިއާ ކައުންސިލަށް ދިނުން.
  10. ނުރަނގަޅު މައުލޫމާތު ފެތުރުން ހުއްޓުމަށް ޓަކައި އާންމުންގެ މެދުގައި ފެކްޓްޗެކް ކުރުން ހިތްވަރު ދިނުން.
  11. އާންމުންގެ މައުލޫމަތު ރައްކާތެރި ކުރުމަށް ގަވައިދެއް އުފައްދައި އެ ގަވާއިދު ރަނގަޅަށް ތަންފީޒުވޭތޯ ބެލުން

މީގެ ކުރިން އީޔޫން ވަނީ ރިޔާސީ އިންތިހާބުގެ ކަންކަން ދިޔަ ގޮތަށް ތައުރީފު ކޮށްފައެވެ. އަދި މިއަދު ވެސް އީޔޫއިން އެކަން ފާހަގަކޮށްފައި ވެއެވެ.

comment ކޮމެންޓް