ވިލާތުގެ އިއްތިހާދު (އީޔޫ) އާ ގުޅުމުގެ މަޝްވަރާތައް އަލުން ފެށުމަށް އައިސްލޭންޑުގެ ރައްޔިތުން ދެކޮޅުހަދައިފިއެވެ.
ހޮނިހިރު ދުވަހު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން، 13 އަހަރު ކުރިން މެދުކަނޑާލާފައިވާ މަޝްވަރާތައް އަލުން ފެށުމާ ދެކޮޅަށް 52.8 ޕަސެންޓް މީހުން ވަނީ ވޯޓު ދީފައެވެ.
އައިސްލޭންޑުގެ ޕަބްލިކް ބްރޯޑްކާސްޓަރު، އާރްޔޫވީން އާންމުކުރި ނަތީޖާ ދައްކާ ގޮތުގައި މަޝްވަރާތައް ފެށުމަށް ތާއީދުކޮށް ވޯޓު ދިނީ 47.2 ޕަސެންޓް މީހުންނެވެ.
މިއީ ގާނޫނީ ގޮތުން އަމަލުކުރުން ލާޒިމު ވޯޓަކަށް ނުވި ނަމަވެސް، ސަރުކާރުން ވަނީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކުރާނެ ކަމަށް ބުނެފައެވެ.
އައިސްލޭންޑުގެ ބޮޑުވަޒީރު ކްރިސްޓްރޫން ފްރޮސްޓަޑޮޓިރް ވިދާޅުވި ގޮތުގައި، މި ނަތީޖާއާ ގުޅިގެން 2028 ވަނަ އަހަރު އެކަމަނާގެ ރިޔާސީ ދައުރު ހަމަވަންދެން އީޔޫގެ މެންބަރުކަމުގެ މައްސަލަ ސިޔާސީ އެޖެންޑާއަށް ދެން ނުގެންނާނެއެވެ. އަދި އީޔޫއާ ގުޅުމަށް ހުށަހަޅާފައިވާ ހުށަހެޅުން ރަސްމީކޮށް އަނބުރާ ގެންދިއުމާމެދު ގޮތެއް ނިންމުން ދޫކޮށްލާނީ ގާނޫނުހަދާ މަޖިލީހަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އީޔޫއާ ގުޅުމާމެދު ހިޔާލު ތަފާތުވުން އޮންނަ ތިން ޕާޓީއެއްގެ މައްޗަށް އެކުލެވޭ މި ސަރުކާރު ބަލިކަށިވި ނަމަވެސް، ވޯޓުގެ ނަތީޖާއާ ގުޅިގެން ސަރުކާރު އިސްތިއުފާ ދޭނެ ކަމަކަށް ނުބެލެވެއެވެ.
ވޯޓުލެއްވުމަށްފަހު ހޮނިހިރު ދުވަހު ބޮޑުވަޒީރު ފްރޮސްޓަޑޮޓިރް ވިދާޅުވީ، މި ކެމްޕޭނުގެ ސަބަބުން އީޔޫއާ ގުޅޭގޮތުންނާއި، ދުނިޔޭގައި އައިސްލޭންޑުގެ މަގާމާއި، އަދި ޖިއޯޕޮލިޓިކަލް ހާލަތާ ގުޅޭގޮތުން ކުރެވުނު ބަހުސްތައް މަތީ ހަރުފަތަކަށް ގެންގޮސްދީފައިވާ ކަމަށެވެ. އެކަމަނާ އީޔޫއާ ގުޅުމަށް ފާޅުގައި ތާއީދުކުރެއްވި ނަމަވެސް، “ނޫން” ކަމަށް ނަތީޖާ ނުކުތަސް އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވިއެވެ.
މި ވޯޓުގެ ކުރިން ކުރެވުނު ބަހުސްތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އެތެރޭގެ އިގުތިސާދީ މައްސަލަތަކަށެވެ. މީގެ އިތުރުން ޔޫކްރެއިން ހަނގުރާމައަށާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަށްޓެރި ގްރީންލޭންޑާމެދު ގެންގުޅުއްވާ ވިސްނުންފުޅުތަކަށް ވެސް ބަހުސްތަކުގައި ރިއާޔަތްކޮށްފައިވެއެވެ. ޓްރަމްޕް ވަނީ މީގެ ކުރިން އެތައް ފަހަރަކު އައިސްލޭންޑާއި ގްރީންލޭންޑް އޮޅޭގޮތަށް ވާހަކަދައްކަވާފައެވެ.
އީޔޫއާ ގުޅުމަށް އެންމެ ބޮޑަށް ދެކޮޅުހަދާފައިވަނީ އައިސްލޭންޑުގެ އިގުތިސާދުގެ މައި ތަނބު ކަމަށްވާ މަސްވެރިކަމުގެ ސިނާއަތުންނެވެ. އެ ސިނާއަތުގެ 90 ޕަސެންޓް ކުންފުނިން ވަނީ އީޔޫއާ ގުޅުމާ ދެކޮޅުހަދާފައެވެ.
މިކަމާ ގުޅިގެން އީޔޫގެ އެންލާޖްމަންޓް ކޮމިޝަނަރު މާޓާ ކޮސް ވިދާޅުވެފައިވަނީ، މަސްވެރިކަމާއި ދަނޑުވެރިކަމުގައި އައިސްލޭންޑަށް ހާއްސަ ކަންތައްތަކެއް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެކަންކަމަށް ވަރަށް ބޮޑަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށެވެ. އަދި އީޔޫގެ މެންބަރު ގައުމުތަކާ ގުޅިގެން އުފެއްދުންތެރި ހައްލުތަކެއް ހޯދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ އައިސްލޭންޑުން އީޔޫގެ މެންބަރުކަމަށް އެންމެ ފުރަތަމަ ހުށަހެޅީ 2009 ވަނަ އަހަރު އެ ގައުމުގެ އިގުތިސާދު ފުނޑުފުނޑުކޮށްލި މާލީ ކާރިސާއަށްފަހުގައެވެ. ނަމަވެސް 2013 ވަނަ އަހަރު އީޔޫއާ ދެކޮޅު ސަރުކާރެއް ވެރިކަމަށް އައުމާއެކު އެ މަޝްވަރާތައް ވަނީ މެދުކަނޑާލާފައެވެ.
އައިސްލޭންޑަކީ މިހާރު ވެސް ޔޫރަޕިއަން އިކޮނޮމިކް އޭރިއާ (އީއީއޭ) އަދި މިނިވަންކަމާއެކު ދަތުރުފަތުރުކުރެވޭ ޝެންގެން ޒޯންގެ މެންބަރެއްގެ ގޮތުން އީޔޫއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. މި ވޯޓުގެ ނަތީޖާއާ ގުޅިގެން މި ގުޅުންތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ބްރަސަލްސްއިން އުންމީދުކޮށްގެން ތިބީ އައިސްލޭންޑް އީޔޫއާ ގުޅުމަކީ އީޔޫ ފުޅާކުރުމަށް ލިބޭނެ ކުރިއެރުމަކަށް ވުމުގެ އިތުރުން، އާކްޓިކް ސަރަހައްދުގައި އީޔޫގެ ބާރުގަދަކުރުމަށް ލިބޭނެ ފުރުސަތަކަށް ވާނެ ކަމަށެވެ. އަދި މީގެ ސަބަބުން އީޔޫގައި ނުހިމެނޭ ނޯވޭ ފަދަ ގައުމުތަކުން ވެސް އީޔޫއާ ގުޅުމާމެދު އަލުން ވިސްނުމަށް ހިތްވަރަކަށް ވާނެ ކަމަށް އީޔޫއިން އޮތީ އުންމީދުކޮށްފައެވެ.