ހޮޓެލް ބުކިން ކެންސަލްކުރި ވަރާއި ގެއްލުން އަންދާޒާ ކުރަން މަޓާޓޯއިން ސާވޭއެއް ހަދަނީ

އެއާޕޯޓުގައި ރިޒޯޓުތަކުން ފަތުރުވެރިން ބަލައި ގޮސް: އިންޑިއާގެ ބައެއް މީހުންނާއި ދިވެހިންނާ މެދު ހިނގި އަރާރުންވުންތަކާ ގުޅިގެން ހޮޓެލް ބުކިން ކެންސަލްކުރި ވަރާއި ގެއްލުން އަންދާޒާ ކުރަން މަޓާޓޯއިން ވަނީ ސާވޭއެއް ހަދަން ނިންމައިފައި -- ސަން ފޮޓޯ

އިންޑިއާގެ ބައެއް ރައްޔިތުންނާއި ބައެއް ދިވެހިންނާ ދެމެދު މީސްމީޑިއާގައި ވަމުން އަންނަ އަރައިރުންތަކާ ގުޅިގެން ހޮޓަލްތަކުގެ ބުކިން ކެންސަލްކޮށްފައި ހުރި މިންވަރު ބެލުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ސާވޭއެއް ހަދަން ފަށައިފިއެވެ.

އިންޑިއާއިން، އެ ގައުމުގެ ލަކްޝަދުވީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ފެށުމާއެކު، އުފެދުނު އަރައިރުމުގެ ތެރެއިން ނައިބު މިނިސްޓަރުންތަކެއް ވެސް ވަނީ އެގައުމާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ވާހަކަދައްކަވައިފައެވެ.

އެ މައްސަލައާ ގުޅިގެން އިންޑިއާގައި ވަނީ ރާއްޖެ ނައުމަށް ގޮވާލައި، ކެމްޕެއިނެއް ފަށައިފައެވެ. އެއާއެކު ރާއްޖެ އަންނަން ބުކިން ހައްދާފައި ތިބި ގިނަ އަދަދެއްގެ މީހުން ކެންސަލް ކުރާ ކަމަށް އެގައުމުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ މަޓާޓޯއިން މިއަދު ބުނީ، މީސްމީޑިއާގައި ހިނގާފައިވާ ކަންތައްތަކާ ގުޅިގެން ފާއިތުވި 24 ގަޑިއިރު ތެރޭ އިންޑިއާ މާކެޓަށް އައިސްފައިވާ ބަދަލު ދެނެގަތުމަށް ހަދާ ސާވޭއެއްގައި ބައިވެރިވުމަށް ދާއިރާގެ ސްޓޭކްހޯލްޑަރުންނަށް ދައުވަތުދޭ ކަމަށެވެ.

މި ސާވޭގައި ހިމަނައިފައިވާ މުހިންމު ބައިތަކުގެ ތެރޭގައި ހޮޓަލުގެ މައުލޫމާތާއި ފާއިތުވި 24 ގަޑިއިރު ތެރޭގައި ކެންސަލްކޮށްފައިވާ ރެޒަވޭޝަންގެ އަދަދާއި ކެންސަލްކުރި ސަބަބު ހިމެނެއެވެ. އަދި އާންމުކޮށް ކެންސަލްކުރާ މިންވަރާ އަޅާބަލާއިރު ތަފާތު އައިސްފައިވޭތޯ ބެލުމަށް ވެސް ސާވޭގައި އެދިފައިވެއެވެ.

މީގެ އިތުރުން ރެޒަވޭޝަންތައް ކެންސަލް ކުރުމުގެ ސަބަބުން ލިބޭނެ ކަމަށް ލަފާކުރެވޭ ގެއްލުމާއި އެ ގެއްލުން ފޫބެއްދުމަށް ކުރާ މަސައްކަތް ވެސް ހިމެނުމަށް ސާވޭގައި އެދިފައިވެއެވެ.

ހަމައެއާއެކު، މި މައްސަލައިގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގައި ރެޒަވޭޝަންތަކަށް އަންނާނެ ކަމަށް ބެލެވޭ ބަދަލާއި އެކަމާ ގުޅިގެން އަމަލު ކުރެވިދާނެ ގޮތުގެ ސްޓްރެޓެޖީގެ މައުލޫމާތު ވެސް އެ ސާވޭއިން ހޯދައެވެ. އަދި މި ހިނގައިދިޔަ ކަންތައްތަކާ ގުޅޭ ގޮތުން ފަތުރުވެރިން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ހޮޓެލުން އަމަލު ކުރި ގޮތާއި މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތަކާ ގުޅޭ ގޮތުން ދެކޭ ގޮތް ފާޅުކުރުމަށް ވެސް އެ ސާވޭގައި ހިމަނާފައިވެއެވެ.

މަޓާޓޯއިން ވަނީ ވީ އެންމެ އަވަހަކަށް ސާވޭގެ މައުލޫމާތު އެ ޖަމިއްޔާއަށް ފޮނުވަން އެދިފައެވެ. ސާވޭ އަށް ބޭނުންވާ މައުލޫމާތު ފޮނުވާނީ [email protected] މި މެއިލްއަށެވެ.

https://sun.mv/187058

މި މައްސަލައާ ގުޅިގެން މަޓާޓޯއިން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ ލަކްޝަދުވީޕްގެ ރަށްތަކުގެ ފަތުރުވެރިކަމުގެ ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ނޭދެވޭ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށާއި، އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށް ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ، އިންޑިއާ އާއި ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކޮށް ވާހަކަ ދެއްކެވި ޔޫތު މިނިސްޓްރީގެ ތިން ނައިބު މިނިސްޓަރުން މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއާއި އަބްދުﷲ މަހްޒޫމް މާޖިދު ސަސްޕެންޑުކޮށްފައެވެ.

comment ކޮމެންޓް