ސިނަމާލެ ބުރިޖުގެ މަސައްކަތްކުރި ކުންފުނީގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު ސީސީސީސީގެ އިސްވެރިންނާ ބައްދަލުކުރެއްވުން: އެ ބައްދަލުވުމުގައި ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ/ ރައީސް އޮފީސް

ސިނަމާލެ ބުރިޖްގެ އަމަލީ މަސައްކަތްކުރި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ އިސްވެރީންނާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މިއަދު ހެނދުނު ޗައިނާއަށް ވަޑައިގެންނެވި ރައީސްގެ އަރިހަށް ސީސީސީސީގެ އިސްވެރީން އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް އެ އޮފީހުން ހާމަކޮށްފައިނުވެއެވެ.

އެ ބައްދަލުވުމުގެ ވީޑިއޯއެއް ރައީސް އޮފީހުން އާންމުކޮށްފައިވާއިރު، ރައީސާއެކު ބައްދަލުވުމުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާއި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ރައީސްގެ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ޕްރިންސިޕަލް އެޑްވައިޒަރި މުޙައްމަދު އަލީ ޖަނާހު ހިމެނެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ސީސީސީސީގެ އިސްވެރިންނާ ބައްދަލުކުރެއްވުން: އެ ބައްދަލުވުމުގައި ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޗައިނާއަށް ވަޑައިގެން އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ ޝިއަމެން ފްރީ ޓްރޭޑް ޒޯނަށެވެ. އެ މަނިކުފާނުވަނީ އެ ތަނަކީ ކޮބައިކަން އަންގައިދޭ ވީޑިއޯއެއް ބައްލަވައިލައްވައިފައެވެ. އަދި އެ ޒޯނުގެ މުހިންމު ތަންތަނާއި، އެ ތަނުގައި ކުރާ ކަންކަން ވެސް އެ މަނިކުފާނު ބައްލަވައިލެއްވިއެވެ.

ފްރީ ޓްރޭޑް ޒޯނަކީ ކަސްޓަމްސް ފަދަ އިދާރާތަކުގެ އިދާރީ މަރުހަލާތައް ނުހިނގާ ގޮތަށް، ނުވަތަ ވިޔަފާރިއަށް ވީހާ ވެސް ފަހިވާނެހެން، މުދާ އެތެރެކުރުމާއި، އޭގެން އުފެއްދުންތައް އުފައްދައި، ބޭރުކުރުމާއި، ރީއެކްސްޕޯޓްކުރުން ފަދަ ކަންކަން ކުރާ ޚާއްޞަ ސަރަހައްދެކެވެ.

އެކި ގައުމުތަކުގައި ފްރީ ޓްރޭޑަށް ކަނޑައަޅާ މިންގަނޑުތައް ތަފާތެވެ.

ރާއްޖޭގައި ވެސް އެ ފަދަ ފްރީ ޓްރޭޑް ޒޯނެއް ގާއިމްކުރުމަކީ މި ސަރުކާރުން ވެސް ވިސްނުން ބައްޓަންކުރަމުން އަންނަ ކަމެކެވެ. ހަމައެއާއެކު އެސްއީޒެޑްގެ ތެރެއިން، ޚާއްޞަ ޒޯންތައް ވެސް އަންނަނީ ކަނޑައެޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި އިގްތިޞާދާ ގުޅުންހުރި މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. އަދި މުހިންމު އެއްބަސްވުންތަކުގައި ސޮއި ވެސް ކުރާނެއެވެ.

comment ކޮމެންޓް