ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަލާންކުރައްވަނީ: ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެންފި ފޮޓޯ/ ރަީސް އޮފީސް

ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ރަސްމީ ދައުވަތުފުޅަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކުރައްވާ ފުރަތަމަ ރަސްމީ ފުރަމާނަ ދަތުރުފުޅުގައި، މިއަދު ހެނދުނު އެ ގައުމަށް ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން އެ ގައުމަށް ވަޑައިގަތުމުން ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން އެ ދެކަނބަލުންނަށްވަނީ މަރުހަބާ ދަންނަވައިފައެވެ.

މި ދަތުރުފުޅުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައީސް އޮފީހުގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކުގައި ސޮއިކުރާނެއެވެ.

އޭގެތެރޭގައި، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިގްތިޞާދީ އަދި ޓެކްނޮލޮޖީގެ އިތުރުން ވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިިކުރާނެއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ފަސް ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވައިލައްވާނީ މި މަހުގެ 12ވަނަ ދުވަހެވެ.

ރައީސް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންވާއިރު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް މިދިޔަ މަހު ވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

comment ކޮމެންޓް