ބޮލީވުޑްގެ 2000ގެ އަހަރުތަކުގެ ތެރޭ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި އެކްޓަރު ޑިނޯ މޯރިއާއަށް އެންމެ ކަމުދާ ބަތަލާއަކީ ބިޕާޝާ ބާސޫ ކަމަށް ބުނެފިއެވެ.
އެކީގައި ގިނަ ފިލްމުތައް ކުޅުނު ދެ ތަރިންނަކީ ފިލްމު "ރާޒް"އަށް ފަހު ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ޖޯޑެކެވެ. ބިރުވެރި ހާދިސާއެއްގެ މައްޗަށް ބިނާކޮށް 2000ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ރާޒް"އަށް ފަހު ޑިނޯއާއި ބިޕާޝާގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދި ދެ ތަރިންނަށް ވެސް އެކީގައި ވަރަށް ގިނަ ފިލްމުތަކުން ފުރުސަތު ލިބުނެވެ.
އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޑިނޯ ބުނެފައިވަނީ ބިޕާޝާއާ އެކު ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުމާ އެކު ޑިނޯއަށް އެންމެ ކަމުދާ ބަތަލާއިންގެ ލިސްޓުގެ ކުރިން ޖާގަ ހޯދާފައި ވަނީ ބިޕާޝާ ކަމުގައެވެ. ދެ ތަރިންގެ ލޯބީގެ ގުޅުމާ ބެހޭގޮތުން މީގެ ކުރިން މީޑިއާގައި ވާހަކަ ދައްކަން ފަސް ޖެހުނު ނަމަވެސް ޑިނޯއާއި ބިޕާޝާ އަކީ މިހާރު ދެ ރަޙުމަތްތެރިންނެވެ.
ބިޕާޝާއާއި ޑިނޯއާ ދެމެދު އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ނެތްކަން ގިނަ ބަޔަކަށް އެނގުނީ ބަތަލާގެ ކައިވެނީގެ ހަފުލާއަށް ޑިނޯއަށް ދަޢުވަތު ދިނުމާ ގުޅިގެންނެވެ.
ޑިނޯއާއި ބިޕާޝާ އެކީގައި ކުޅުނު މަޝްހޫރު ފިލްމުތަކުގެ ތެރޭ "އެލޯން"، "ގުނާހު"، "އިޝްޤްހޭ ތުމްސޭ" އަދި "ޗެހެރޭ" ހިމެނެއެވެ. ޑިނޯ ފިލްމު ކުޅުމާ ދުރަށް ޖެހިލީ 2012ވަނަ އަހަރު ތެރޭގައެވެ. ފިލްމީ ދާއިރާއިން އޮއްޓަރު ހުރި ސްކްރިޕްޓްތައް ލިބުން މަދުވުމާ އެކު ފިލްމީ ދާއިރާއާ ދުރަށް ދިޔައީ ކަމަށާއި އެހެންނަމަވެސް އެ ޚިޔާލު ބަދަލުވެ ޑިނޯ ވަނީ އޭގެ ފަސް އަހަރު ފަހުން އެނބުރި ފިލްމީ ދުނިޔެއާ ގުޅިފައެވެ.
ޑިނޯ ދާދި ފަހުން ފެނުނު ވެބް ސީރީސްތަކުގެ ތެރޭ ޑިޒްނީ ހޮޓް ސްޓާގައި ރިލީޒް ކުރި "ދަ އެމްޕަޔަ"، "ތަންޑަވް" އަދި "މެންޓަލް ހުޑް" ހިމެނެއެވެ. މިދިޔަ އަހަރު ސައުތު ސިނަމާގެ ދެ ފިލްމަކުން ފެނުނު އެކްޓަރު އަންނަނީ މި އަހަރު އިތުރު ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.