ޑާކްރެއިންއިން ދެން ނެރޭނީ ފުރޭތަ

ޑާކްރެއިން އެންޓަޓެއިންމެންޓުން ދެން އެންމެ އަވަހަށް ނެރޭނެ ފިލްމެއް ކަމުގައި ތުރިލާ ފިލްމު "ފުރޭތާ" ކަނޑައަޅައިފިއެވެ.

ދިވެހިރާއްޖޭގެ މުޖުތަމައުގެ ތަފާތު އެކި މައްސަލަތަކަށް އަލިއަޅުވާލައި ނެރުމަށް ތައްޔާރުވަމުންދާ ފިލްމު "ފުރޭތަ" އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.

ފުރޭތަ އިއުލާނު ކޮށްފައިވާއިރު މި ފިލްމު އޮލިމްޕަހަށް އަންނާނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ. މި ފިލްމު ވަނީ މީގެ ކުރީން ޑިލޭ ވެސް ވެފައެވެ. އެގޮތުން އެންމެ ފުރަތަމަ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއަށްފަހު ހާމަކޮށްފައިވަނީ މި މަހުގެ އަށެއް ވާ ހޯމަ ދުވަހު ފިލްމު ރިލީޒް ކުރާނެ ކަމަށެވެ. ނަމަވެސް ޖެނުއަރީގެ ތާރީހުވެސް މިހާރު ލަސްވެފައިވާ ކަމަށް ވަނީ އިޝާރާތް ކޮށްފައެވެ.

ޑާކްރެއިންއިން ދެން މި ފިލްމު ނެރޭނެ ދުވަހެއް އަދި ނޭނގެއެވެ.

މިދިޔަ އަހަރު ނިމިގެން ދިޔައީ ޑާކްރެއިންއަށް ވަރަށް ބިޒީ ކޮށެވެ. އެގޮތުން ލޯބީގެ ފިލްމު "ނޮވެމްބަރު" ދައްކައި ނިންމާލާފައިވަނީ ހަމަ މިދިޔަ ހަފުތާގައެވެ.

ޑާކްރެއިންގެ ފުރޭތަ ފިލްމުގެ ޓްރެއިލާއެއް ވަނީ މީގެކުރީން އާންމުކޮށްފައެވެ. މި ޓްރެއިލާއިން ތަފާތު އެކި ކަންތައްތައް ފެނެއެވެ. އެގޮތުން އާންމު މީހެއްގެ ދިރިއުޅުން އެކި ސަބަބުތަކާ ހެދި ބަދަލުވެގެން ގޮސް މީހާ އަކީ އަނިޔާވެރި ނުރައްކާތެރި މީހަކަށް ވެގެންދާ ތަން ޓްރެއިލާއިން ވެސް ފެނިގެން ދެއެވެ.

ޓްރެއިލާއިން އެންމެ ބޮޑަށް ފެންނަ އަނެއް ކަމަކީ ރާއްޖޭގައި އިންތިޚާބެއް އޮންނަ ދުވަސްވަރުގެ ސަގާފަތުގެ ވާހަކައެވެ. އޭގެ ތެރޭގައި އިންތިޚާބާ ގާތް ކޮށްފައި ވޯޓު ހޯދަން އަންނަ ވާހަކަ އާއި އާންމުންގެ އުދާސްތަކަށް ބީރު ކަންފަތެއް ދިނުމުގެ ވާހަކަތައް ފިލްމުން ދައްކައެވެ. މިއީ ގިނަ ދިވެހީން ތަޖުރިބާ ކޮށްފައިވާ ކަންތައްތަކެވެ.

މި ފިލްމުގައި ލީޑުން ފެންނާނީ އިންޑަސްޓްރީގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ތަރި ޝަރަފު ޢަބްދުﷲއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ރަވީ ފާރޫގާއި މުހައްމަދު މަނިކާއި އަހުމަދު ސައީދު އަދި މުހައްމަދު ރިފްޝާނާއި އަލީ ނަދީހާއި އާމިނަތު އަސީލާ ފަދަ އެކްޓަރުން ފެންނާނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަހުމަދު ތޮލާލު ކުރިއިރު ފިލްމުގެ ޑައިރެކްޓަރަކީ އަހުމަދު ޝިފާއު (ޗިއްޕެ) އެވެ. މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އަހުމަދު ޒިފާފެވެ.

comment ކޮމެންޓް