އާޒިމާގެ ކެމްޕޭން ދަތުރު ޚާއްސަކުރީ ކެންސަރު ބަލި ތަހައްމަލުކުރާ މި ތިން ކަނބަލުންނަށް

އާޒިމާގެ ކެމްޕޭން ދަތުރު ޚާއްސަކުރެއްވި ތިން ކަނބަލުންކަމަށްވާ ހީނާ، ޑރ. ރަމީލާ، އަދި އާތިފާ -- ސަން ގްރެފިކްސް

ވެރިރަށް މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް ކުރައްވާ ކެމްޕޭން މަސައްކަތުގައި، އެންމެ ބޮޑު ހިތްވަރެއް ހޯދަައި ލިބިގަންނަނީ ތިން ކަނބަލެއްގެ ކިބައިންކަން ފާހަގަކުރައްވައި، އެ ތިން ކަނބަލުންނަށް އޭނާގެ ދަތުރު ޚާއްސަކުރައްވައިކަމަށް، ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރު މިރޭ ވިދާޅުވެއްޖެއެވެ.

އޭނާ މި ތިން ކަނބަލުންނަށް، މި ދަތުރު ޚާއްސަކުރެއްވީ، ވެރިރަށް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ހަމައެކަނި އަންހެން ކެންޑިޑޭޓަކީ އޭނާކަން ފާހަގަކުރައްވައި، އާޒިމާ ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.

"މި ޖާނީ އިނގޭތޯ، މި ދެ މަސް ދުވަހެއްހައިހާ ދުވަހުގެ ޖާނީ އަޅުގަނޑު ބޭނުން ވަރަށް ޚާއްސަ ތިން އަންހެން ބޭފުޅަކަށް ހަދިޔާ ކުރަން. އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވި ކެންސަރާ ހަނގުރާމަކުރައްވަމުން ޚިދުމަތް ކުރައްވަވާ ތިން ބޭފުޅުން،" އާޒިމާ ވިދާޅުވިއެވެ.

އޭނާގެ މި ދަތުރު ޚާއްސަކުރެއްވީ، އޭނާގެ ގާތް އެކުވެރިޔާ، ސަރުކާރުގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އަށާއި، އެންސްޕާގެ ސީއީއޯ އަދި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދަށާއި، އާޒިމާގެ އެެއްބަނޑު އެއްބަފާ ދައްތަ، ކުރީގެ މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރަށެވެ.

މި ތިން ކަނބަލުންނަކީ ވެސް ކެންސަރު ބަލި ތަހައްމަލުކުރައްވަމުން، އެ ކަމަށް ފަރުވާ ހޯއްދަވަމުން ސަރުކާރުގައި ޚިދުމަތްކުރެއްވި ބޭފުޅުންނެވެ.

އެގޮތުން ވަޒީރުކަމާ ހަވާލުވެވަޑައިގަތްތާ މާ ގިނަ ދުވަހެއް ނުވެ، ކެންސަރަށް ޑައިގްނޯޒްވުމާއެކު މިނިސްޓަރު ރަމީލާ ހުންނެވީ މިވަގުތު ރާއްޖެއިން ބޭރުގައި ފަރުވާއަށެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަނީ ފަރުވާއަށްފަހު މިހާރު ރާއްޖެ ވަޑައިގެން މަސައްކަތާ ހަވާލުވެލައްވައިފައެވެ.

ކުރީގެ މިނިސްޓަރު އާތިފާވަނީ، ސިއްހީ ހާލުކޮޅު ތަންދިން މިންވަރާއެކު، އިސްތިއުފާ ދެއްވުމާ ހަމައަށް ފުރަތަމަ އައްޔަންކުރެއްވި ދުވަހުން ފެށިގެން ކުރީ ސަރުކާރުގައި ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަން ކުރައްވައިފައެވެ.

"މި ތިން އަންހެން ބޭފުޅުންނަށް، ވަރުގަދަ ތިން އަންހެން ބޭފުޅުންނަށް އަޅުގަނޑުގެ މި ޖާނީ އިނގޭތޯ. އިންތިޚާބަށް ކުރިމަތިލައިގެން މިހާ ހިސާބަށް މި ދަތުރުކުރި ޖާނީ އަޅުގަނޑު ބޭނުން ހަދިޔާކުރަން ޑެޑިކޭޓްކުރަން،" އާޒިމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ތިން ކަނބަލުންނަކީ އޭނާ ނަމޫނާއެއްގެ ގޮތުގައިި ވަރަށް ބޮޑަށް ބަލައިގަންނަ ތިން ކަނބަލުން ކަމަށެވެ.

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާ، މެނިފެސްޓޯ ލޯންޗުކުރުމުގެ ހަފްލާގައި ވާހަކަދަައްކަވަނީ -- ސަން ފޮޓޯ/ އަހްމަދު އަމަން

އާޒިމާ ވިދާޅުވީ އަންހެނަކަށްވެ ހުރެ މަގާމުގެ ޒިންމާ އަދައިކުރުމަށް ދަސްކޮށްދެއްވީ އޭނާގެ މަންމަ ކަމަށެވެ. މިއަދު މަންމަ ދުނިޔޭގައި ނެތް ނަމަވެސް އެެ ހަނދާންތައް އާވާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ މަންމައަކީ ވަރުގަދަ އަންހެނެއް އިނގޭތޯ. ވަރުގަދަ އަންހެނެއް. މިއަދު ހަމަ ދުނިޔޭގައި ނެތް ނަމަވެސް އަޅުގަނޑު ހަމަ ވަރަށް މަންމަގެ މަތިން މިއަދު ވެސް މި މަގާމުގައި ހުންނައިރު އަންހެނެއްގެ ހައިސިއްޔަތުން ހަނދާންވޭ،" އޭނާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ދައުލަތުގައި އޭނާ ޚިދުމަތްކުރެއްވީ ތެދުވެރިކަމާއި، ސާބިތުކަމާއެކުގައި ކަމަށެވެ. އެހެންކަމުން އިންތިޚާބުވެއްޖެނަމަ އެއީ އަންހެން ކުދިންނަށް، ރާއްޖޭގައި ސިޔާސީ މައިދާނުގައި ކުރިއަށް ދިއުމުގެ ޖާގަ އޮތްކަން ހާމަކޮށް ދެވޭ މެސެޖެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަގާމަށް އަންހެނަކު ހޮވުމުގެ މުހިންމު ކަމަކީ އަޅުގަނޑަށް ތިން ފިރިހެނުންނާ ވާދަކޮށްގެން އަދި އަޅުގަނޑުގެ ހިސްޓްރީއަކީ އުމުރުން 17 އަހަރުން ފެށިގެން ދައުލަތަށް ޚިދުމަތްކުރުން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވި ނަމަވެސް އިންތިޚާބެއްގައި ވާދަކުރައްވާ މިއީ ފުރަތަމަ ފަހަރުކަމަށެވެ.

އެހެންކަމުން އޭނާވަނީ މި ކަމުގައި އޭނާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، ހުރިހާ މިނިސްޓަރުންގެ ފަރާތުންނާއި، ޕާޓީގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދައިކުރައްވައިފައެވެ.

comment ކޮމެންޓް