ދީޕިކާ ފިލްމީ ދުނިޔެއަށް ނުކުތީ މައިންބަފައިންގެ މި ޝަރުތާއެކު

ބަތަލާ ދިޕިކާ ޕަދުކޯން-- ފޮޓޯ/ ފޭސްބުކް

އިންޑިއާގެ އެންމެ ކާމިޔާބު އަދި އަގު ބޮޑު ބަތަލާ ދީޕިކާ ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން މައިންބަފައިން ބޭނުންވީ ބަތަލާ މަތީ ތަޢުލީމު ފުރިހަމަކޮށް ގްރެޖުއޭޓު ވުމަށް ކަމަށް ބުނެފިއެވެ.

އިންޑިއާގެ މީޑިއާއަށް ދީފައިވާ އިންޓަވިއު އެއްގައި ދީޕިކާ ބުނީ ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ބަތަލާއަށް މޮޑެލިންގް ދާއިރާގެ ވަރަށް ގިނަ ފުރުސަތުތައް ލިބުނު ކަމަށެވެ. އޭރު ދީޕިކާ ދިޔައީ ގްރޭޑް 12ގައި ތައުލީމު ހާސިލު ކުރަމުން ކަމަށާއި ބޯޑު އިމްތިހާނަށް ވެސް ތައްޔާރު ވަމުން ކަމަށް ދީޕިކާ ބުނެފައިވެއެވެ.

ނަމަވެސް މޮޑެލިންގް ދާއިރާއަށް ހުރި ޝައުގެއްގެ ބޮޑު ކަމުން އޭރު ތިން މަސް ދުވަހުގެ ކުޑަ ބްރޭކެއް ބޯޑު އިމްތިހާނުން ނެގި ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

ދިޕިކާ ޕަދުކޯން ފިރިމީހާ ރަންވީރު ސިންގްއާ އެކު-- ފޮޓޯ/ އިންޓަނެޓް

ދީޕިކާ އަކީ އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ޕްރަކާޝް ޕަދުކޯންގެ ދަރިއަކަށް ވުމުން ބެޑްމިންޓަން ކުޅިވަރުގެ ހުނަރު ދީޕިކާއަށް ވެސް ވަނީ ލިބިފައެވެ. އޭރު ދީޕިކާ ފާހަގަ ކޮށްލެވެނީ ޤައުމީ ފެންވަރުގެ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ސްކޫލް ދައުރުގައި މޮޑެލް ކުރުމުގެ ފުރުސަތުތައް ލިބެން ފެށުމުން ބޭނުންވީ އެ ދާއިރާއިން ކުރިޔަށް ދިއުމަށް ކަމަށް އިއްޔެ 38 އަހަރު ފުރުނު ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާގެ މައިންބަފައިންގެ ގާތު މޮޑެލިންގް އަދި ފިލްމީ ދާއިރާއިން ކުރިޔަށް ދިއުމުގެ ހުއްދައަށް އެދުމުން ކުރި ހަމައެކަނި ޝަރުތަކީ ކިޔެވުން ނިންމާލުމަށް ފަހު ގްރެޖުއޭޓުވުން ކަމަށް ދީޕިކާ ވަނީ ބުނެފައެވެ. އެހެން ނަމަވެސް ލިބެން ފެށި ހުށަހެޅުން ތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދިޔުމާ އެކު ހިތާ ދެކޮޅަށް ނަމަވެސް ދީޕިކާ ނިންމީ ތައުލީމީ ހަޔާތަށް އަލްވަދާއު ކިޔާ ފިލްމީ ދާއިރާއިން ކުރިޔަށް ދިއުމަށެވެ.

މޮޑެލިންގް ދާއިރާ ފަތަޙަ ކުރުމަށްފަހު ދީޕިކާގެ އަތުގައި ނަސީބު ހިފީ 2007ވަނަ އަހަރު ރިލީޒްވި ފަރާ ޚާންގެ ފިލްމު "އޯމް ޝާންތީ އޯމް" އިންނެވެ.

ދިޕިކާ ޕަދުކޯން އާއިލާގެ މެމްބަރުންނާ އެކު އެވޯޑް ހަފްލާއެއްގައި-- ފޮޓޯ/ޓައިމްސްނައުނިވްސް

އިންޑިއާގެ ފިލްމު އިންޑަސްޓްރީއިން ލިބުނު މަގުބޫލު ކަމާއެކު ދީޕިކާ ވަނީ ހޮލީވުޑްއިން ވެސް ފުރުސަތު ލިބިފައެވެ. ހަމައެއާއެކު ބައިނަލްއަޤްވާމީ ފެޝަން ދުނިޔޭގައި ވެސް ދީޕިކާ އަކީ އެންމެ ނުފޫޒު ގަދަ ސެލެބްރިޓީންގެ ތެރޭ ހިމެނޭ ބަތަލާއެކެވެ.

އެކްޓަރު ރަންވީރު ސިންގްއާ އެކު ޒަވާޖީ ހަޔާތެއް ފަށާފައިވާ ބަތަލާ މިދިޔަ އަހަރު މުހިއްމު ރޯލް ކުޅުނު ދެ ފިލްމު "ޕަތާން" އަދި "ޖަވާން"ގެ ކާމިޔާބީއަށް ފަހު ދީޕިކާއަށް އެކްޝަން ފިލްމު ތަކުން ލިބުނު ފުރުސަތުތައް ވަނީ އިތުރުވެފައެވެ.

އޭގެ ތެރޭގައި މި އަހަރު ރިލީޒް ކުރުމަށް ތާވަލު ކުރެވިފައިވާ ފިލްމު "ފައިޓާ"، "ކަލްކީ" އަދި "ސިންގްހަމް3" ހިމެނެއެވެ. މައިންބަފައިން ކުރި ޝަރުތު ފުރިހަމަ ނުވެ ފިލްމީ ދާއިރާގެ އެންމެ އުހަށް އާދެވުނު ނަމަވެސް ބަތަލާގެ އުއްމީދަކީ ދޫކޮށްލެވުނު ތައުލީމީ ހަޔާތް ކޮންމެވެސް ދުވަހަކުން މައިންބަފައިން އެދުނު ގޮތަށް ފުރިހަމަ ކުރުން ކަމުގައި މީގެކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ދީޕިކާ ވަނީ ބުނެފައެވެ.

comment ކޮމެންޓް