ޙައްޖާއި ޢުމްރާގެ ޚިދުމަތާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަން ޝަހީމް ސަޢޫދީއަށް

ޙައްޖާއި ޢުމްރާގެ ޚިދުމަތްތަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަން ވަޒީރު ސަޢޫދީއަށް ވަޑައިގަންނަވަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޙައްޖާއި ޢުމްރާއާ ގުޅޭ އެއްބަސްވުމެއްގައި ސައުދީއާ އެކު ސޮއި ކުރެއްވުމަށް، ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފުރާވަޑައިގެންފިއެވެ.

ޝަހީމް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދަތުރަކީ ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްގައި ބައިވެރި ވުމަށާއި، އަދި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާއި، ސަޢޫދީ އަރަބިއާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާ ދެމެދު ވެވޭ ހައްޖު އެންޑް އުމްރާ ސާވިސް އެއްބަސްވުމުގައި ސޮއިކުރަން އެ ގައުމުގެ ޙައްޖު މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައް ރަބީޢާ ދައުވަތު ދެއްވައިގެން ކުރާ ދަތުރެއް ކަމަށެވެ.

ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސަކީ ސައިންޓިފިކް ސެޝަންތަކާއި، ވޯކްޝޮޕްތަކާއި، ތަމުރީނު ސެމިނާތައް ހިމެނޭގޮތަށް ބާއްވަމުން އަންނަ ބައިނަލްއަޤުވާމީ ކޮންފަރެންސެކެވެ.

މި ފަހަރުގެ ކޮންފަރެންސް ކުރިއަށްދާނީ މި މަހުގެ 8 އިން 11 ވަނަ ދުވަހުގެ ނިޔަލަށް ސަޢޫދީގެ ޖިއްދާގައެވެ.

މީގެ އިތުރަށް، މިނިސްޓަރު ވިދާޅުވީ ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިރުޝާދު ދެއްވައިފައިވާ ކަމަށެވެ.

އެހެންވެ، މި ދަތުރުގައި ކަމާ ބެހޭ އިދާރާތަކާ ވެސް އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މި ދަތުރުގައި އިސްލާމީ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކޮށް، ކޮންފަރެންސްގެ ހަވާސާގައި، އިސްލާމީ ބައެއް ގައުމުތަކުގެ އިސްލާމީ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކޮށް، އިސްލާމިކް މިނިސްޓްރީގެ ދާއިރާގެ ކަންކަމުގައި އެ މީހުންގެ ފަންނީ އަދި މާލީ އެއްބާރުލުން ހޯދަން މަޝްވަރާކުރާނެ ކަމަށް ވެސް މިނިސްޓަރުގެ އެ ޕޯސްޓުގައިވެއެވެ.

ސަރުކާރު ބަދަލުވުމަށް ފަހުގައި އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖެއިން މީހުން ޙައްޖަށް ގެންދާނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެކަނި ކަމަށް ނިންމައިފައެވެ.

comment ކޮމެންޓް