ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމާ ގުޅިގެން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އަށް ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައަށް ތުރުކީވިލާތުން ތާއީދުކޮށްފިއެވެ.
ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ 1948 ވަނަ އަހަރުގެ ގަތުލުއާންމާ ބެހޭ މުއާހަދާއާ ޔަހޫދީން ހިލާފުވަމުންދާ ކަމުގައެވެ. އަދި، ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާން ހުއްޓުވުމުގެ ޢަމުރެއް ނެރެދިނުމަށް ވެސް އެ ހުށަހެޅުމުގައި އެދިފައިވެއެވެ.
ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އޮންކޫ ކެސެލީ ނެރުނު ބަޔާނެއްގައި ވިދާޅުވީ ދެކުނު އެފްރިކާގެ މައްސަލައަށް ތުރުކީވިލާތުން މަރުހަބާ ކިޔައި ކަމަށާއި އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓުވުމަށް ކޯޓުން އަމުރު ނެރޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މި މަހުގެ 11 އިން 14 އަށް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެ މައްސަލައިގައި ޖަވާބުދާރީވުމަށް ކޯޓަށް ހާޒިރުވާނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.
އަޑުއެހުންތަކަށް ފަހު ކުއްލި މައްސަލަތަކާމެދު ގޮތެއް ނިންމުމަށް ކޯޓުން އާންމުކޮށް އެއް ހަފުތާ ނުވަތަ ދެ ހަފުތާގެ މުއްދަތެއް ނަގައެވެ. ކޯޓުން އިއްވާ ހުކުމްތަކަކީ އެންމެ ފަހުގެ ހުކުމްތަކެއް ނަމަވެސް އެ ހުކުމްތައް ތަންފީޒުކުރުމުގެ ބާރެއް އެ ކޯޓަށް ލިބިގެނެއް ނުވެއެވެ.
އައިސީޖޭއަކީ ދައުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގޮތް ނިންމައި އިންސާފު ހޯދައިދޭ އދގެ އެންމެ މަތީ ކޯޓެވެ.