އެފްޑީސީން 3000 ހައުސިން ޔުނިޓު ތަރައްގީކުރަން ޖޮއިންޓް ވެންޗާއެއްގައި ސޮއިކޮށްފި

އެފްޑީސީން 3000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ:އެފްޑީސީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން 3,000 ހައުސިން ޔުނިޓު އެޅުމަށް ޖޮއިން ވެންޗާ އެއްބަސްވުމެއްގައި, ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ސޮއިކޮށްފިއެވެ.

އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ. ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ރިޕްރެޒެންޓޭޓިވް ކަމަށްވާ އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑްގެ މެނޭޖިން ޑިރެކްޓަރު ހަސަން ހުސެއިނެވެ.

އެފްޑީސީއިން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި 3،000 ހައުސިން ޔުނިޓު ޑިޒައިންކުރުމާއި އިމާރާތްކުރުމުގެ މަސައްކަތް ކުރާނީ ޖޮއިންޓް ވެންޗާގެ ތެރެއިން ކަމަށެވެ. އަދި މަޝްރޫއު ކުރިއަށްގެންދާނީ ސަރުކާރާއި އެ ކޯޕަރޭޝަނުން ކަނޑައަޅައި ހިސާބުތަކެއްގައި ކަމަށް އެފްޑީސީން ބުނެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދާނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓަޑާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑްއާ ގުޅިގެން ކަމަށް އެފްޑީސީން ބުންޏެވެ.

މިހާރު ވެސް އެފްޑީސީން އަންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ކުންފުންޏަކާ ހަވާލުކޮށްގެން 32 ހައުސިން ޓަވަރެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އޭގެ ތެރެއިން މި ފެށޭ އަހަރުގެ މާޗު މަހު ފުރަތަމަ 4،000 ފްލެޓަށް ވަދެވޭވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެކުރިން އެފްޑީސީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް