"މަދަހަ ރަން އަޑު" ސީޒަން 5ގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ

"މަދަހަ ރަން އަޑު" ސީޒަން 5ގެ މީޑިއާ ޕާޓްނަރަކަށް ވުމަށް އެސްއެސްޓީވީން މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރާއެކު އެމްއޯޔޫގައި ސޮއިކުރުމުގެ ތެރެއިން-- ސަން ފޮޓޯ

މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރުން ރަމަޟާން މަހު ގެނެސްދޭ "މަދަހަ ރަން އަޑު"ގެ މީޑިއާ ޕާޓްނަރަކަށްވުމަށް، އެ ސެންޓަރާއެކު ސަން ސިޔާމް މީޑިއާއިން މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި އެސްއެސްޓީވީގެ ފަރާތުން ސޮއިކުރެއްވީ އެސްއެސްޓީވީގެ ޗީފް ކޮންޓެންޓު އޮފިސަރު މުހައްމަދު ޒަހީނެވެ. މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަލީ އަބްދުލްކަރީމް (ރުކުމާ އަލީ)އެވެ.

"މަދަހަ ރަން އަޑު" އަކީ ކޮންމެ އަހަރަކު ކުރިއަށް ގެންދާ ކުޑަކުދިންގެ މަދަހަ މުބާރާތެކެވެ.

މިއީ މި ޕްރޮގްރާމް ބާއްވާ ފަސް ވަނަ ފަހަރެވެ.

ސޮއިކުރުމަށް ފަހު "ސަން"އާ ވާހަކަދައްކަވަމުން އަލީ ވިދާޅުވީ އެ މުބާރާތުގެ މަގްސަދަކި މަދަހަ ސަނާއާއި ދުއާ، އަދި އިސްލާމީ ޝިއާރު މެދުވެރިކޮށް އިސްލާމް ދީނަށް ހޭލުންތެރި ކުރުވުން ކަމަށެވެ.

އަލީ ވިދާޅުވީ މަދަހަ ރަން އަޑުގެ ސީޒަން 1،2،3،4 މެދުވެރިކޮށް މަދަހަ ރީތިކޮށް ކިޔާ ވަރަށް ގިނަ ކުދިން އުފެދިގެން ދިޔަ ކަމަށެވެ. އަދި އެ ކުދިންނަކީ މިހާރު ގިނަ ބަޔަކަށް އެނގޭ، މަޝްހޫރު ކުދިންތަކެއްކަން ވެސް އަލީ ފާހަގަކުރިއެވެ.

"މަދަހަ ރަން އަޑު" ސީޒަން 5ގެ މީޑިއާ ޕާޓްނަރަކަށް ވުމަށް އެސްއެސްޓީވީން މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރާއެކު އެމްއޯޔޫގައި ސޮއިކުރުމުގެ ތެރެއިން-- ސަން ފޮޓޯ

މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

އަލީ ވިދާޅުވީ، އަތޮޅުތައް ބައިވެރިކުރުމަކީ އަބަދުވެސް ކުރާކަމެއް ކަމަށާއި ހުރިހާ އަތޮޅަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އަތޮޅުތަކަށް ހުޅުވާލި މަގްސަދަކީ ހަމައެކަނި މާލެ ސަރަހައްދުގައި ދިރިއުޅޭ އާބާދީއަށް އިސްކަންދޭ ފަދައިން އަތޮޅުތަކަށް ވެސް އިސްކަންދިނުން. އަޅުގަނޑުމެންނަށް ލިބޭ މަންޒަރުތައް ބައެއް މަދަހަތަކުން ވަރަށް ރީތިވާނެ. އެ ބޭފުޅުންގެ ރަށްފުށުގެ ދިރިއުޅުން ފެންނާނެ. ރީތި ގޮނޑުދޮށްތައް ފެންނާނެ،" އަލީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގަވާއިދުގަ މިފަހަރު ވެސް އަޅުގަނޑުމެން ވަރަށް ހިތްވަރުދެން އަތޮޅުތަކުގެ ރީތި މަންޒަރުތައް ވާޗުއަލްކޮށް ފޮނުވާ މަދަހަތަކުގައި ހިމަނަން،"

މި މުބާރާތުގައި ބައިވެރިވުމަށް ކޮންމެހެން އަތޮޅުތެރޭގެ ބައިވެރިން މާލެ އަންނާކަށް ނުޖެހޭނެއެވެ. އަތޮޅުތެރެއިން ބައިވެރިވާ ބައިވެރިންނަށް ރަށުގައި ތިބެގެން މަދަހައިގެ ރެކޯޑިން ފޮނުވޭނެއެވެ.

"އަޅުގަނޑުމެން ދޭ ޕިކްސެލް ރޭޓެއްގަ ރޭޝިއޯއެއްގަ އެ ބޭފުޅުންނަށް ޝޫޓްކޮށްފަ މި ކޮޅަށް ފޮނުވޭނެ. ދެން ކޮލިޓީ ދަށްވެއްޖެނަމަ ޓެކްނީޝަނުން އަންގާނެ އޭގެ ކޮލިޓީ ދަށޭ. އަދި އޯޑިއޯ ރޯކޮށް އިނދެއްޖެނަމަ އެ ވެސް ޓެކްނީޝަނުން އެއާކުރުމުގެ ކުރިން ހައްލުކުރާނެ،" އަލީ ވިދާޅުވިއެވެ.

"އެސްއެސްޓީވީއާއެކު ވަރަށް ބޮޑު އޯޑިއެންސެއް އަޅުގަނޑުމެންނަށް ލިބިގެންދާނެ. އަޅުގަނޑުމެންނަށް ބުރަވާނެ މިންވަރަށް ހީވަނީ ދަރިވަރުން ލިބޭނެހެން. އަދި މިކަހަލަ މީޑިއާއެއް ބައިވެރިވެއްޖިއްޔާ އެ ޑަބަލް ވުމުގެ ފުރުސަތު އޮންނާނެ،"

"މަދަހަ ރަން އަޑު" ސީޒަން 5ގެ މީޑިއާ ޕާޓްނަރަކަށް ވުމަށް އެސްއެސްޓީވީން މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރާއެކު އެމްއޯޔޫގައި ސޮއިކުރުމުގެ ތެރެއިން-- ސަން ފޮޓޯ

އެސްއެސްޓީވީގެ ޗީފް ކޮންޓެންޓު އޮފިސަރު މުހައްމަދު ޒަހީން ވިދާޅުވީ، އެސްއެސް މީޑިއާއަކީ، ފަންނީ ކަންކަމަށާއި ފަންނީ ބޭފުޅުންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ދޭ ސްޓޭޝަނެއް ކަމަށެވެ. ޚާއްސަކޮށް އެސްއެސްޓީވީއަކީ ފަންނީ ބޭފުޅުންނަށް ވަރަށް ބޮޑު ދޮރެއް ހުޅުވިފައިވާ ތަނެއް ކަމަށް ޒަހީން ވިދާޅުވިއެވެ.

ޒަހީން ވިދާޅުވީ ކުރިއަށް މިއޮތް ރޯދަމަހު ދީނީ ކޮންޓެންޓު ގެނެސްދިނުމަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށާއި އެގޮތުން "މަދަހަ ރަން އަޑު ސީޒަން 5" އެސްއެސް މީޑިއާއާ ގުޅިގެން ގެންދިޔުމަށް ނިންމި ނިންމުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިފަހަރު މި މުބާރާތް އަޅުގަނޑުމެންނާ އެކީ ގެންދަން ނިންމީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އުންމީދުކުރަނީ މި މުބާރާތަކީ ވަރަށް ކާމިޔާބުކަމާ އެކީ ގެންދެވޭނެ މުބާރާތަކަށް ވާނެ ކަމަށް،" ޒަހީން ވިދާޅުވިއެވެ.

"ދެން މި މުބާރާތް ވީހާ ވެސް ފުރިހަމަކޮށް ގެންދިޔުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއް އެސްއެސް ޓީވީން ކުރާނަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ،"

އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ މި މުބާރާތުގައި ހަ އުމުރުފުރާއަކުން ކުދިންނަށް ބައިވެރިވެވޭނެއެވެ.

އެއީ ހަ އަހަރުން ދަށް، ނުވަ އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ހުޅުވައިލައިފައެވެ.

ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ގޫގުލް ފޯމް ފުރާލައިގެން ބައިވެރިވެވޭނެއެވެ.

މި މުބަރާތް އެސްއެސްޓީވީންނާއި ސަން އޮންލައިން މެދުވެރިކޮށް ރަމަޟާން މަހު ގެނެސްދޭނެއެވެ.

comment ކޮމެންޓް