ޖިރޯނާއިން އެޓްލެޓިކޯ މެޑްރިޑް ބަލިކޮށްފި

ޖިރޯނާގެ ތިންވަނަ ލަނޑަށް ފަހު ކުޅުންތެރިން އުފާފާޅު ކުރަނީ / ފޮޓޯ: ޔޫރޯ ސްޕޯޓް

ސްޕެނިޝް ލަލީގާގައި ތާވަލްގެ ދެވަނައިގައި އުޅޭ ޖިރޯނާ އާއި ތިންވަނައިގައި އުޅޭ އެޓްލެޓިކޯ މެޑްރިޑްގެ ކުރިމަތިލުން ޖިރޯނާ ކާމިޔާބުކޮށްފިއެވެ.

ޖިރޯނާގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމް ކާމިޔާބުކޮށްފައިވަނީ ހަތަރު ލަނޑު ތިން ލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗުގައި ގިނައިރު ޖިރޯނާއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އެޓްލެޓިކޯއިންނެވެ.

ޖިރޯނާއިން މިމެޗު ފެށީ ވަރަށް ފޯރިއާއެކުއެވެ. މިގޮތުން މެޗުގެ ދެ ވަނަ މިނެޓްގައި ޖިރޯނާއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ވަލެރީ ފެނާންޑޭޒްއެވެ. ނަމަވެސް މިލަނޑު ޖެހިތާ 12 މިނެޓް ފަހުން އެޓްލެޓިކޯއިންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އަލްވާރޯ މޮރާޓާއެވެ.

މިމެޗުގައި ޖިރޯނާއިން ދެވަނަ ފަހަރަށް ލީޑު ނަގައިފާވަނީ މެޗުގެ 26 ވަނަ މިނެޓްގައި ސާވިއޯ ޖަހާދިން ލަނޑުންނެވެ. އަދި މެޗުގެ 39 ވަނަ މިނެޓްގައި ޑެނީ ބްލިންޑްވަނީ ޖިރޯނާގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މިމެޗުގައި އެޓްލެޓިކޯގެ ދެވަނަ ލަނޑު ޖަހައި ދެޓީމްގެ ދެމެދުގައިވާ ފަރަގު އެއް ލަނޑަށް ބަދަލުކޮށްދިނީވެސް މޮރާޓާއެވެ. އަދި މެޗުގެ 54 ވަނަ މިނެޓްގައި މިމެޗުގައި މޮރާޓާ ކާމިޔާބުކުރި ތިންވަނަ ލަނޑާއެކު އޭނާ މިމެޗުގައި ހެޓްރިކް ހަދައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

މިލަނޑާއެކު މިމެޗުގެ ފޯރި އިތުރަށް ގަދަވެ ދެޓީމުންވެސް މެޗުން މޮޅުވުމަށް މަސައްކަތް ކުރި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތު ދެއްކިއިރުވެސް ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ. މިއާއެކު މިމެޗު އެއްވަރު ވެގެން ނިމިދާނެކަމަށް ހީވި ނަމަވެސް އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ޖިރޯނާއިން ވަނީ މިމެޗުން އެޓީމް މޮޅުވި ލަނޑު ކާމިޔާބު ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އިވާން މާޓިނޭޒްއެވެ. އެޓްލެޓިކޯއިން އަނެއްކާވެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އިތުރު ލަނޑެއް ނުޖެހި މެޗު ނިމުނީ ޖިރޯނާ މޮޅުވެގެންނެވެ.

މިކާމިޔާބީއާއެކު ޖިރޯނާ އުޅޭނީ ތާވަލްގެ އެއްވަނައިގައި އުޅޭ ރެއާލް މެޑްރިޑާ އެއްވަރަށް 48 ޕޮއިންޓް ލިބި ޖަހާފައިވާ ލަނޑުގެ ތަފާތުން ތާވަލްގެ ދެވަަނައިގައެވެ. އަދި އެޓްލެޓިކޯ އުޅެނީ 38 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.

comment ކޮމެންޓް