ފައިލޭރިއާ ނުވަތަ ދިވެހިން ކިޔާ ގޮތުން ނަމަ ފައިފަލަ ބައްޔަށް ޓެސްޓުކުރުމުގެ ބޮޑު ހަރަކާތެއް އަންނަ ހަފުތާގައި ފެށުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.
'ސަން' އާ ވާހަކަދައްކަވަމުން އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ، މި ސްކްރީނިން ޕްރޮގުރާމު ކުރިއަށް ގެންދިއުމަށް ފުރަތަމަ ނިންމީ މި ހަފުތާގައި ކަމަށެވެ. ނަމަވެސް މޫސުން ގޯސްވެ، މާލޭ ސަރަހައްދަށް ވިއްސާރަވުމާ ގުޅިގެން، އަންނަ ހަފުތާއަށް ފަސްކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި އެންމެ ފުރަތަމަ ސާމްޕަލްތައް ނަގަން ފަށާނީ މާލެއާއި ހުޅުމާލޭގައެވެ. އެއަށްފަހު ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގައި ވެސް ކުރިއަށްގެންދާނެއެވެ.
އެޗްޕީއޭއިން ބުނީ ޓެސްޓުކުރުމުގައި އެންމެ ބޮޑަށް އިސްކަންދޭނީ ބިދޭސީ މަސައްކަތްތެރިންނަށް ކަމަށެވެ. އެއީ، މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބި 32 މީހުންނަކީ ވެސް ބިދޭސީ މަސައްކަތްތެރިންނަށް ވާތީ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެ ސްކްރީނިންގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ވެސް އޮންނާނެކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި، ވީހާވެސް ގިނަ މީހުން ޓެސްޓުކޮށް، މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.
"މަދިރިން ރައްކާ"ގެ ނަމުގައި ގައުމީ ހަރަކާތެއް، މުޅި ރާއްޖޭގައި މިދިޔަ ހަފުތާގައި ފަށައި، މާލޭ ސަރަހައްދު ފޮގުކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށެވެ. އެގޮތުން މާލޭ ސިޓީ ކައުންސިިލުން މިއަދު ވަނީ މާލޭގެ މަޖީދިއްޔާ ސްކޫލް، އަރަބިއްޔާ ސްކޫލް އަދި އިސްލާމިކް ޔުނިވާސިޓީ އިމާރާތް ފޮގުކޮށްފައެވެ.
ރާއްޖެއިން ކުރިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތައް ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 14ގައި ކުޅުދުއްފުށި ސިޓީންނެވެ. އެއީ އެ ސިޓީގައި ކުރިއަށްގެންދިޔަ މައިގްރެންޓް ހެލްތު ސްކްރީނިން ޕްރޮގްރާމެއްގެ ތެރެއިންނެވެ. އޭގެ ފަހުން މާލެ ސަރަހައްދުން ވެސް ބިދޭސީންތަކެއް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ޕޮޒިޓިވްވި މީހުން ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ގައުމު ތަކުންކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން އެތެރެވާއިރު މެޑިކަލް ޗެކަޕް ހެދުމުގެ އުސޫލުތައް ކޮވިޑް ތެރޭގައި ލުއިކޮށްފައި އޮތް މައްސަލަ، ފައިލޭރިއާގެ ކޭސްތައް ފެނުމާއެކު ވަނީ ބޮޑުވެފައެވެ.
މިހާރު ސަރުކާރުން ވަނީ، ރާއްޖެ އެތެރެވުމަށް މިއަދުން ފެށިގެން ބިދޭސީންނަށް ވޯކް ޕާމިޓް ދޫކުރާނީ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ތަނަކުން މެޑިކަލް ހަދައި، ހުށަހެޅުމުން ކަމަށް ކަނޑައަޅައިފައެވެ.