ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ދުށް އެންމެ ބިރުވެރި އަދި ހިތާމަވެރި އެއް ހާދިސާ 'ނޮވެމްބަރު 3'ގެ ހާދިސާއާ ގުޅުވައިގެން އުފައްދާ ފިލްމުގެ މަސައްކަތް ސަލްމާން ޚާން ރަސްމީކޮށް ފަށައިފިއެވެ.
މިދިޔަ ހުކުރު ދުވަހު މި ފިލްމުގެ މަސައްކަތް ފަށާފައި ވާކަން ދަރުމާ ކުންފުނިން އިއުލާނު ކޮށްފައި ވާއިރު ކޮންމެ ދުވަހަކު ވެސް ތިން ގަޑިއިރާއި 60 މިނެޓް ބޮލީވުޑްގެ އެކްޓަރު ސަލްމާނު ޚާން ހޭދަކުރަނީ ފިލްމުގައި ކުޅޭ ރޯލަށް ހަށިގަނޑު ތައްޔާރު ކުރުމަށެވެ.
ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ކުންފުނިން ގެނެސްދޭ މި ފިލްމުގެ ނަމަކީ "ދަ ބުލް"އެވެ. ސަލްމާން ޚާން ޕެރަމިލިޓަރީ އޮފިސަރެއްގެ ރޯލްއިން ފެންނާނެ މި ފިލްމަކީ، ނޮވެމްބަރު 3، 1988ވަނަ އަހަރުގެ އުދުވާނީ ޙަމަލާއާ ގުޅިގެން ބާޣީންގެ އަތުން ދިވެހި ޤައުމު ސަލާމަތް ކުރުމަށް އިންޑިއާއިން ރާއްޖޭގައި ހިންގި 'އޮޕަރޭޝަން ކެކްޓަސް'ގެ ހާދިސާ ދައްކުވައިދޭ ފިލްމެކެވެ.
ސަލްމާން ޚާން ފިލްމުގައި ފެންނާނީ މި އޮޕަރޭޝަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި އަސްކަރީ އޮފިސަރު ބްރިގޭޑިއާ ފާރޫކް ބުލްސާރާގެ ރޯލުންނެވެ.
މިދިޔަ މަހުގެ ފަހުކޮޅު ފިލްމުގެ މަސައްކަތް ފަށަން އިއުލާނު ކުރި ނަމަވެސް ރަސްމީކޮށް ފިލްމުގެ ޝޫޓިން ފަށާނީ ކުރިޔަށް އޮތް ފެބްރުއަރީ މަހު ކަމަށް ދަރުމާ ކުންފުންޏާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ފިލްމު "ދަ ބުލް"އަކީ 1998ވަނަ އަހަރު ސަލްމާން ޚާން މުހިއްމު ރޯލް ކުޅުނު ކަރަން ޖޯހަރުގެ ތާރީޚީ ފިލްމު "ކުޗް ކުޗް ހޯތާ ހޭ"އަށް ފަހު އޭނާ ކަރަންއާ އެކު މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.