32 އަހަރުގެ ޚިދުމަތަށްފަހު ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އަބްދުﷲ ވަހީދު

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އަބްދުﷲ ވަހީދު އައްޔަނުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ފޮޓޯ/ ކަސްޓަމްސް

މެދުކެނޑުމެއްނެތި 32 އަހަރުގެ ދިގު މުއްދަތަކަށް މޯލްޑިވްސް ކަސްޓަމްސްގައި ޚިދުމަތްކުރައްވައިފައިވާ، ކަސްޓަމްސްގެ ޗީފް ސުޕްރިޓެންޑެންޓް އަބްދުﷲ ވަހީދު، އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރުކަމަށް ހަމަޖައްސައިފިއެވެ.

އޭނާއަށް އެ މަގާމަށް އައްޔަންކުރީ ނިމިދިޔަ މަހުގެ 27ވަނަ ދުވަހެވެ.

މަގާމު ރަސްމީކޮށް ހަވާލުކޮށްފައި ވަނީ މިއަދު އެ އިދާރާގައި ބޭއްވި ޚާއްސަ ހަފްލާއެއްގެ ތެރެއިންނެވެ. އޭނާއަށް ރޭންކް ނިޝާން ހަވާލުކޮށްދެއްވީ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއުއެވެ.

ކަސްޓަމްސްގައި ޑެޕިއުޓީ ކަމިޝަރުންގެ ގޮތުގައި ދެ ބޭފުޅަކު ތިއްބަވައެވެ. ދެން ހުންނަވަނީ މަޙްމޫދު ރިޔާޒެވެ.

އަބްދުﷲ ވަހީދު އެ މަގާމަށް އައްޔަނުކުރުމުގެ ކުރިން އެ މަގާމު ވަނީ އެކި ބޭފުޅުން މިދިޔަ ފަސް އަހަރު ތެރޭ ފުރުއްވައިފައެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވެ، މިދިޔަ ނޮވެމްބަރު މަހު ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިއު މުހައްމަދު ވަނީ އައްޔަންކުރައްވައިފައެވެ.

އެއީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ޝަރީފް ކަސްޓަމްސްގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

comment ކޮމެންޓް