ގެއްލުނު ކަނޑުގެ ބައި ހޯދުމަށް ބޭރުގެ އެކްސްޕާޓުންނާ ހަވާލުކޮށްފި

ކެބިނެޓު ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުން ބަދަލުކުރުމަށް އިސްތިއުނާފަށް ހުށަހެޅުމަށްޓަކައި ބޭރުގެ އެކްސްޕާޓުންނާ ހަވާލުކޮށްފައިވާ ކަމަށް، ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރު ފަހުން، މިދިޔަ އަހަރު އިޓްލޮސްއިން ނިންމީ ރާއްޖެއިން އެދުނު ގޮތަށެވެ. އިޓްލޮސްއިން އޭޕްރީލް 28 ގައި ހުކުމް ކުރުމާ އެކު އޭރު އިދިކޮޅުގައި ތިބި ޕީޕީއެމް/ޕީއެންސީން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި، ކަނޑުން ބައެއް "ވިއްކައިލީ" ކަމަށް ތުހުމަތުކޮށް، އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ގޮވައިލިއެވެ.

މިހާރުގެ ސަރުކާރުން ދެކެނީ އެ މައްސަލައިގައި ކުރީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތަކީ ގާނޫނު އަސާސީއާއި ގާނޫނުތަކާ ފުށޫއަރާ، އަދި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ދެކޭ ކަމަށެވެ.

އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރުމަށް ޚާއްސަ ކޮމެޓީއެއް އުފައްދަވައި އެ ކޮމިޓީގައި ކުރީގެ ބަންޑާރަނައިބު މުޙައްމަދު އަނިލް އާއި ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ފޮރިން މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީ ތަމްސީލު ކުރައްވަން ބޭފުޅުން ވަނީ އައްޔަން ކުރައްވައިފައެވެ.

އެންމެ ފަހުން ބޭއްވި ކެބިނެޓްގެ ނިންމުންތައް ހާމަ ކުރުމަށް މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ކަނޑުގެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ކިންސްގްސް ކައުންސިލަކާއި މޯލްޓާގެ ލޯ އޮފް ދަ ސީ ޕްރޮފެސަރަކާ ކަމަށެވެ.

"މޯލްޓާގެ ޕްރޮފެސާ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ. އެ ބޭފުޅާގެ ރިޕޯޓް މިމަހު މެދުތެރޭ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ކެބިނެޓަށް ލިބޭނެ. ޔޫކޭގެ ރިޕޯޓް ފެބްރުއަރީ މަސް ތެރޭގައި ކެބިނެޓަށް ލިބޭނެ." ނާޒިމް ވިދާޅުވިއެވެ.

"އެކްސްޕާޓުންގެ ރިޕޯޓްތަކަށް ބަލައި ތައްޔާރުކުރާ ފައިނަލް ރިޕޯޓް ފެބްރުއަރީ މަހުގެ ފަހުކޮޅު ކެބިނެޓަށް ހުށަހެޅިގެން ދާނެ."

އެ މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އޮގަސްޓު 22، 2022ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހިމެނޭ ކަމަށް ސަރުކާރުން ކުރިން ބުންޏެވެ. އެ ބަޔާނާއެކު ސަރުކާރުން ވަނީ އެ ސިޓީ އާންމުކޮށްފައެވެ.

އެ ސިޓީއާ ގުޅޭގޮތުން ޞާލިޙް މީގެ ކުރިން ވިދާޅުވެފައިވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ ޗާގޯސްގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ރާއްޖެއިން ބަލައިގެންކަން ކަމަށެވެ. އެއީ، އިމުގެ މައްސަލައާ ގުޅިގެން ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި މިއީ ދެ މައްސަލައެއް ކަމަށް ވެސް އެ މަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

comment ކޮމެންޓް