ޖަޕާނަށް އައި ބިންހެލުމުގައި މިހާތަނަށް ހަ މީހުން މަރުވެއްޖެ

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި ކާރެއް މައްޗަށް ޢިމާރާތެއް ވެއްޓިފައި. ފޮޓޯ/ގަލްފް ނޫސް

ޖަޕާނުގެ މެދުތެރޭގައި އޮންނަ އިޝިކަވާ ޕުރޮވިންސަށް އައި ބާރުގަދަ ބިންހެލުމުގައި ހަ މީހުން މަރުވެއްޖެއެވެ.

ބިންހެލުމާ ގުޅިގެން 19 މީހެއްގެ ހިތް ހުއްޓިފައިވާ ކަމަށްވެސް ޖަޕާނުގެ ކާރިޘާތަކާ ބެހޭ އޮފީހުން ހާމަކުރެއެވެ.

ހަ މީހުންގެ އިތުރުން އަދިވެސް އިތުރު މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ޖަޕާނުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

މީހުން މަރުވުމުގެ އިތުރުން ގެތަކާއި މަގުތަކަށްވެސް ގެއްލުންވެފައިވެއެވެ. އެއްގަމާއި ، ކަނޑު އަދި ވައިގެ ދަތުރުފަތުރުތަކަށް ބުރޫ އަރައި ބައެއް ހިސާބުތަކުގެ އެއާޕޯޓުތައްވެސް ވަނީ ބަންދުކޮށްފައެވެ.

ބިންހެލުމާއި ގުޅިގެން ބައެއް ހިސާބުތަކުން ކަރަންޓުކެނޑި 45000 އެއްހާ މީހުން ތިބީ ކަނު އަނދިރީގައެވެ.

ޖަޕާނުގެ އަސްކަރިއްޔާއިން އަންނަނީ ބިންހެލުމުގެ އަސަރުކުރި ސަރަޙައްދުތަކަށް ލިބުނު ގެއްލުން ބަލައި އެހީތެރިވަމުންނެވެ.

ރިކްޓާ މިންގަނޑުން 7.5 ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުމާ އެކު ޖަޕާނުގެ އައްސޭރިފަށު ސަރަޙައްދުތަކަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފައިވަނީ އިއްޔެއެވެ. ނަމަވެސް ސުނާމީގެ އިންޒާރު މިހާރު ވަނީ އުވައިލައިފައެވެ.

ބިންހެލުމާ ގުޅިގެން 97000 އަށް ގިނަ މީހުންނަށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގައިފައިވެއެވެ. ނަމަވެސް ސުނާމީގެ އިންޒާރު އުވާލުމުން ގިނަ ބަޔަކު ވަނީ އެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް އެނބުރި ގޮސްފައެވެ.

ޖަޕާނަށް މި ފަދަ ބާރުގަދަ ބިންހެލުމެއް އެންމެ ފަހުން އައިސްފައި ވަނީ 2011 ވަނަ އަހަރުއެވެ. އެ ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގައި 20,000 އެއްހާ މީހުން މަރުވިއެވެ. އަދި، ގިނަ އަދަދެއްގެ ގެދޮރާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

comment ކޮމެންޓް