އިންޑިއާގެ ފިލްމުތައް ޕާކިސްތާނުގައި ދެއްކުމަށް ފައިސަލް ގުރައިޝީ ގޮވައިލައިފި

ޕާކިސްތާނު ފިލްމު އެކްޓަރު ފައިސަލް ޤުރައިޝީ-- ފޮޓޯ/ ޓެލެގްރާފް އިންޑިއާ

އިންޑިއާގެ ފިލްމުތައް ޕާކިސްތާނުގައި ދެއްކުން މަނާކޮށްފައި އޮތް އޮތުން އުވައިލުމަށްފަހު ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރުމަށް ޕާކިސްތާނުގެ ފިލްމު ޕްރޮޑިއުސަރު ފައިސަލް ގުރައިޝީ ގޮވައިލައިފިއެވެ.

ފިލްމު ޕްރޮޑިއުސް ކުރުމުގެ އިތުރުން އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޓެލެވިޒަން ހޯސްޓު ބުނެފައި ވަނީ ޕާކިސްތާނުގެ ފިލްމީ ދާއިރާ ފައިދާ ކުރުނަވި ގޮތެއްގައި ކުރިއެރުވެން އޮތީ އިންޑިއާގެ ފިލްމުތައް ޕާކިސްތާނުގެ ސިނަމާތަކުގައި ރިލީޒް ކުރުމުގެ ފުރުސަތު ހުޅުވައިލުމުން ކަމަށެވެ.

ޕާކިސްތާނުގެ ލޯކަލް ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި މި މައުޟޫއަށް ވަރަށް ފުޅާ ގޮތެއްގައި ޤުރައިޝީ ވަނީ ބަހުސްކޮށްފައެވެ.

މީގެ ހަތަރު އަހަރު ކުރިން އިންޑިއާގެ ފިލްމުތައް ޕާކިސްތާނުގައި ދެއްކުން އެއްކޮށް މަނާ ނުކުރިނަމަ ޕާކިސްތާނުގެ ފިލްމު އިންޑަސްޓްރީއަށް އަހަރަކު ގާތްގަނޑަކަށް ހަހާސް ނުވަތަ ހަތް ހާސް މިލިއަން ރުޕީސްގެ އާމްދަނީއެއް ލިބުނީސް ކަމަށް އެ ގައުމުގެ އެކްޓަރު ވަނީ ބުނެފައެވެ.

ޤުރައިޝީ އަކީ ވަރަށް ގައުމީ މީހެއް ކަމަށާއި އެހެން ނަމަވެސް އަމިއްލަ ގައުމުގެ ސިނަމާއަށް ލިބެމުން އަންނަ ހީނަރުކަމުން ސަލާމަތް ކުރުމަށް އަމިއްލަ އެދުން އެކަމުގައި އިސްކޮށްފައިވާ ކަމަށް ފައިސަލް ވަނީ ބުނެފައެވެ.

ޕާކިސްތާނަށް ނިސްބަތްވާ ގިނަ ބަޔަކު އިންޑިއާގެ ފިލްމުތައް ބަލަން ޝައުގުވެރިވާ ކަމަށާއި އެ ފަރާތްތަކުގެ ހައްގު ނިގުޅައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ފައިސަލް ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ކޮންޓެންޓްތައް އިންޑިއާގައި ވެސް ދެއްކި ކަމަށާއި އިންޑިއާ ފިލްމުތައް ޕާކިސްތާނުގައި ހުއްދަ ކުރިއިރު ވަރަށް ގިނަ ބަޔަކު ފިލްމުތައް ބަލަން ސިނަމާއަށް ދިޔަކަން އެކްޓަރު ފައިސަލް ވަނީ ފާހަގަ ކޮށްފައެވެ.

އިންޑިއާގެ ފިލްމުތައް ޕާކިސްތާނުގައި ދެއްކުން މަނާކޮށްފައިވާ ކަން ދޭހަކޮށްދޭ ފޮޓޯއެއް-- ފޮޓޯ/ އިންޓަނެޓް
ޕާކިސްތާނުގެ ވަރަށް ގިނަ ބަޔަކު ޑިޖިޓަލް ޕްލެޓް ފޯމްތައް މެދުވެރިކޮށް އިންޑިއާގެ ފިލްމުތައް ބަލަމުންދާކަން ފައިސަލް ވަނީ ފާހަގަކޮށްފައެވެ.

އޭގެ ތެރޭގައި ނެޓްފްލިކްސް، އެމޭޒަން ޕްރައިމް އަދި ވީޕީއެން މެދުވެރިކޮށް ބޭނުން ކުރާ ބައެއް ޕްލެޓް ފޯމްތައް ހިމެނެއެވެ.

ހަމައެއާއެކު ޕާކިސްތާނުގެ ފިލްމީ ތަރިންނަށް އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ ހުއްދަ މިދިޔަ އަހަރު ވަނީ ދީފައެވެ.

ޕާކިސްތާނުގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ފަވާދު ޚާން، މާހިރާ ޚާން، މާވްރާ ހޮސޭން، އިމްރާން އައްބާސް އަދި އަލީ ޒަފަރު ފަދަ ތަރިން ނަކީ ބޮލީވުޑްގެ ބައެއް ފިލްމު ތަކުގައި މަސައްކަތް ކޮށްފައިވާ ތަރިންނެވެ.

މީގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އާތިފް އަސްލަމް، ނުސްރަތު ފަތޭހް، ރާހަތް ފަތޭހް އަދި އަދްނާން ސާމީ އަކީ އިންޑިއާގެ ވަރަށް ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ލަވަކިޔުންތެރިންނެވެ.

comment ކޮމެންޓް