މިއީ ތަރައްގީގެ ވަރަށް ޚާއްސަ މޫސުމެއް: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެ މަނިކުފާނު ވަނީ އާ އަހަރުގެ ތަހުނިޔާ ދަންނަވާފައި -- ފޮޓޯ/ ރައީސް އޮފީސް

މި އަހަރުގެ ފުރަތަމަ ހަފުތާއަކީ ތަރައްގީގެ ވަރަށް ޚާއްސަ މޫސުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފެށުނު މީލާދީ އާ އަހަރު 2024ގެ ތަހުނިޔާ ދަންނަވައި ރައީސް މިއަދު ދެއްވި ޚިތާބެއްގައި ވަނީ އާ އަހަރުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ދަންނަވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ، ތަރައްގީގެ ވަރަށް ހާއްސަ މޫސުމެއް ކަމަށެވެ. އެއީ، ހަފުތާ 14ގެ ވައުދުތައް ސީދާ އަކުރުން އަކުރަށް ފުއްދަމުން އަންނަ ދުވަސްތައް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ، ތަރައްޤީގެ ވަރަށް ޚާއްޞަ މޫސުމެކެވެ. މިއީ އަޅުގަނޑުމެންގެ ސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވަޢުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް ފުއްދަމުންދާ ދުވަސްތަކެކެވެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ފާއިތުވި އަހަރަކީ ދިވެހީން ވަރަށް މުހިންމު ނިންމުންތަކެއް ނިންމި އަހަރެއް ކަމަށާއި ވަރަށް ކުލަގަދަ ތަޞައްވުރުތަކެއް ކުރެހި އަހަރެއް ކަމަށެވެ.

"ދިވެހިރާއްޖޭގައި ބޭރުގެ އެއްވެސް ޢަސްކަރީ ބާރެއް އޮވެގެންނުވާނެކަން ދިވެހީން ނިންމިއެވެ. ދުނިޔޭގެ އެހެން ޤައުމުތައް ހާސިލުކުރާ ފަދަ ކުރިއެރުމާއި ތަހުޒީބާއި ތަރައްޤީ ބޭނުންކަން ނިންމިއެވެ. އެ ކަމަށްޓަކައި ފިކުރީ ގޮތުން ޖީލުތައް އިސްލާމީ، ދިވެހި ޤައުމީ ސިފަތަކާއެކު ބިނާކުރަން ވެއްޖެކަމަށް ދިވެހީން އެއްބަސްވިއެވެ. ހަމަ އެހެންމެ، ޢުމްރާނީ ގޮތުން އެންމެ ޒަމާނީ ގެދޮރުވެރިކަމާއި ރަށްވެހިކަމަށް ތައްޔާރުވިއެވެ،" ރައީސް ވިދާޅުވިއެވެ.

"ދިވެހީންގެ މި ނިންމުންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި އާ ސަރުކާރެއް ހޮވައި، އެ ސަރުކާރާ މި އަމާނާތް ހަވާލުކުރިއެވެ. އާ އަހަރަށް ދިވެހީން ދެކޭ ހުވަފެންތައް ބިނާވެފައި ވަނީ މި އުންމީދުތަކާއި ތަޞައްވުރުތަކުގެ މައްޗަށެވެ،"

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެ މަނިކުފާނު ވަނީ އާ އަހަރުގެ ތަހުނިޔާ ދަންނަވާފައި -- ފޮޓޯ/ މަޖިލިސް

އެ މަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ތަރައްޤީ ފެށިގެން އަންނަންވާނީ ތިރިން މައްޗަށެވެ. ތަރައްޤީގެ ވިސްނުންތައް އުފަންވާންވާނީ ރައްޔިތުންގެ ސިކުނޑިތަކުގައި ކަމަށާއި އެ ރައްޔިތުން އެކަމުގެ މަސްއޫލިއްޔަތު ހަވާލުކުރާ ފަރާތްތަކުގެ ވާޖިބަކަށް ވާންވާނީ، މާތް ﷲއަށް ބިރުވެތިވެ، ތެދުވެރިކަމާއި ވަފާތެރިކަމާ އެކު، އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހި މަސްއޮޑިއެއް އެކުލެވިގެންވަނީ، އޭގެ ފަށަނުގެ ދެފަރާތަށް އިންދޭ ގެތިގެންވާ މަޑޫތަކަކުންނެވެ. ހަމަ އެފަދައިން، ޤައުމެއް ތަރައްޤީވުމުގައި ވެސް ދެ ފަރާތެއްގެ މި ދެންނެވި ބަދަހި ގުޅުން ހިމެނިގެންވެއެވެ. އެއީ ރައްޔިތުންނާއި ވެރީންނެވެ. ވެރީން ރައްޔިތުންނަށް ރަޙުމުހުރި ބަޔަކަށްވުމެވެ ވަޢުދަށް ކަމޭހިތުމެވެ. ރައްޔިތުން ވެރީންނަށް ކިޔަމަންވުމެވެ. އެއްބާރުލުން ދިނުމެވެ. ޤައުމެއްގެ ތަރައްޤީގެ ބިންގަލަކީ އަދި ކުރިބޯށްޓަކީ ވެސް މިއެވެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުމާއި ތެދުވެރިކަމާއި އިޚުލާސްތެރިކަން ބޭނުން ކަމަށެވެ.

އެ މަނިކުފާނު ވަނީ އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހަދަން ނަސޭހަތްތެރިވެފައެވެ. އާ އަހަރަކީ އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހެދުމަށާއި އާ އަހަރަކީ ޙަޤީޤަތް ޤަބޫލުކޮށް، އާ އުންމީދުތަކާއި، އާ ކުރިއެރުންތަކާ އެކު ހަލުވިކޮށް ކުރިއަށްދާ އަހަރެއް ކަމުގައި ހަދަން އެ މަނިކުފާނު ވަނީ ނަސޭހަތްތެރިވެފައެވެ.

އެ މަނިކުފާނު ވަނީ ބޭރުގެ ގައުމުތަކުގެ ވެރިންނަށް ވެސް އާ އަހަރުގެ ތަހުނިޔާގެ މެސެޖު ފޮނުއްވައިފައެވެ.

comment ކޮމެންޓް