އިގްތިސާދީ ލޮޅުންތަކުން ކޮށްފާނެ ނޭދެވޭ އަސަރުތައް ސަރުކާރުން ކުޑަ ކުރާނެ: ސިޔާމު

އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމު މުޙައްމަދު ---

އިގްތިސާދީ ލޮޅުންތަކުން ރައްޔިތުންނަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކުރަން، އަދުގެ ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމު މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި މަރުހަބާ ވިދާޅުވަމުން ސިޔާމް ދެއްވި ޚިޠާބުގައި ވިދާޅުވީ، މިއަހަރަކީ ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އައި އަހަރެއް ކަމަށެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރައްވައި، އެ މަނިކުފާނު ސަރުކާރު ހިންގަވަން ފައްޓަވާފައިވާކަން ސިޔާމް ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މިފެށޭ އަހަރަކީ އިގުތިސާދީ ގޮތުން ރާއްޖެއަށް އުނދަގޫ ކަންތައްތަކެއް ކުރިމަތިވެދާނޭ އަހަރެއް ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން އިންޒާރު ދީފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އަންނަނީ އިގްތިސާދީ ސިނާއަތް މިހާރަށްވުރެ ކުރިއަރުވައި، އިތުރު އިގްތިސާދީ ފުރުސަތުތައް ފަހި ކޮށްދިނުމުގެ މަސައްކަތް، މިހާރުވެސް ހުއްޓުމެއް ނެތި ކުރަމުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

އެކަމުގައި އެންމެން ވެސް އެ މީހެއްގެ ފަރުދީ ޒިންމާ ފުރިހަމައަށް އަދާ ކުރުމަށް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސިޔާމު ނަސޭހަތްތެރިވެވަޑައިގަތެވެ.

މީގެ އިތުރަށް އެ ޚިޠާބުގައި ސިޔާމް ވަނީ އާ އަހަރާ ކުރުމަތިލާއިރު މުސްލިމުންނާ ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ފަލަސްތީނުގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާ އަނިޔާވެރި އުދުވާނީ ހަމަލާތައް ކަމަށް ވިދާޅުވެފައެވެ. އެ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި އެ މަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ދުނިޔޭގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

comment ކޮމެންޓް