ޔަހޫދީ އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ މައްސަލަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް، (އައިސީޖޭ)އަށް ދެކުނު އެފްރިކާއިން ހުށަހަޅައިފިއެވެ.
އެ ގައުމުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ 1948 ވަނަ އަހަރުގެ ގަތުލުއާންމާ ބެހޭ މުއާހަދާއާ އިސްރާއީލުން ޚިލާފުވަމުންދާ ކަމުގައެވެ.
އައިސީޖޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގައި ދެކުނު އެފްރިކާއިން ހުށަހެޅީ ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމުގެ މުއާހަދާގެ ދަށުން އިސްރާއީލުން ވާޖިބުތަކާ ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ މައްސަލައިގައި އިސްރާއީލަށް އަދަބު ދިނުމަށް ކަމަށެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންނަށް ދެކޮޅަށް ހިންގާ ޖަރީމާތަކަކީ ނަސްލު ނައްތާލުމަށް ވަކި ނިޔަތެއްގައި ހިންގާ ޖަރީމާތަކެއް ކަމަށް ދެކުނު އެފްރިކާއިން ބުނެއެވެ. އަދި، އެ ޢުދުވާނާ ގުޅިގެން ފަލަސްޠީނު ރައްޔިތުންނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.
ދެކުނު އެފްރިކާއިން ބުނީ އެއްވެސް ހަތިޔާރެއް ނެތް ބަލިކަށި، ނިކަމެތި ބަޔަކާ ދެކޮޅަށް އިސްރާއީލުން މެދުކެނޑުމެއްނެތި ގާނޫނީ އެއްވެސް ހަމައަކަށް ތަބާނުވެ، ޒަމާނީ ހަތިޔާރުތައް ބޭނުންކޮށްގެން ހަމަލާތައް ދެމުން ގެންދިއުމަކީ ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ކަމަށެވެ. އަދި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އިސްރާއީލުގެ އަނިޔާވެރިކަން މިހާރު ހައްދުން ނެއްޓިފައިވާ ކަމަށާއި އެ މީހުން ހުއްޓުވަން މުޅި ދުނިޔެ މަސައްކަތް ކުރަން ޖެހޭ ޖަމަށް ވެސް ދެކުނު އެފްރިކާއިން ބުނެއެވެ.
އެ ސަބަބުތަކާއި ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް އިސްރާއީލަށް އަދަބު ދޭން އައިސީޖޭއިން ފަސްޖެހިގެން ނުވާނެ ކަމަށް ވެސް ދެކުނު އެފްރިކާއިން ބުނެއެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފަށާނެ ވަކި ތާރީޚެއް ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ އައިސީޖޭން ކަނޑައަޅާފައެއް ނުވެއެވެ.
އައިސީޖޭއަކީ ދަޢުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގޮތް ނިންމައި އިންސާފު ހޯދައިދޭ އދގެ އެންމެ މަތީ ކޯޓެވެ.
އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 21،500 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައި ކުޑަކުދިންނާއި އަންހެނުންނެވެ.