ޑެންގީ އާއި ފައިލޭރިއާގެ ކޭސްތައް ފެންނަމުން ދިއުމާއެކު އެ ބަލިތައް ފަތުރާ މަދިރިން ރައްކާތެރިވުމަށް ގައުމީ ހަރަކާތެއް، މުޅި ރާއްޖޭގައި މިއަދު ފަށައިފިއެވެ.
"މަދިރިން ރައްކާ" ގެ ނަމުގައި ފެށި މި ހަރަކާތް ފައްޓަވައިދެއްވީ، މާލޭ ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާ ބެހޭބައިގައި މިއަދު ހެނދުނު އޮތް ހަފުލާއެއްގައި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފެވެ.
އަތޮޅުތެރޭގެ ރަށްތަކުގައި ވެސް މިއަދު ވަނީ މި ހަރަކާތް ފަށާފައެވެ.
ހަރަކާތް ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މަދިރިން ރައްކާތެރިވުމަށް ސާފު ކުރުމުގެ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން އެދިލައްވާ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ފައިލޭރިއާ ފަދަ ބަލިތަކުގެ ކޭސްތައް ފެންނަމުން މިދާ ދަނޑިވަޅުގައި ސަރުކާރާއި ކުންފުނިތަކުގެ އިތުރުން އާއްމު ޖަމިއްޔާތައް ގުޅިގެން މިފަދަ ކެމްޕެއިންނެއް ފެށުމަކީ ރައްޔިތުންނަށް ހިތްހަމަ ޖެހުން ލިބިގެންދާނެ ކަމެއް ކަމަށެވެ.
"މިހާލަތުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެންގެ މުޖުތަމައުގެ ފަރުދުންގެ އެއްބާރުލުން ދެއްކުން [މުހިންމު]. ތާރީހުގައި އެކަން އަޅުގަނޑުމެން ވަނީ ދައްކައިދީފައި. އެހެންކަމުން އަޅުގަނޑުގެ އެދުމަކީ ދިވެހި ހުރިހާ ރައްޔިތުން މިކަމުގައި އެއްބާރުލުން ދިނުން،" ނައިބު ރައީސް ވިދާޅުވިއެވެ.
އެ ހަފުލާގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖެއިން ނައްތާލާފައިވާ ބަލިތައް އަލުން ރާއްޖޭން ފެންނަން ނޭދޭ ކަމަށެވެ. އެގޮތުން ނުރައްކާތެރި ބަލިތައް ފެތުރޭ މަދިރިން ރައްކާތެރިވުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކޮށްދިނުމަށް މިނިސްޓަރު އެދިލެއްވިއެވެ.
މި ހަފުލާއަށް ފަހު ނައިބު ރައީސާއި ވަޒީރުން ވަނީ މާލެ ސާފު ކުރުމުގެ މަސައްކަތް ކުރައްވައިފައެވެ. މި ކެމްޕެއިންގެ ތެރެއިން މާލެ ސާފު ކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.
މަދިރިން ރައްކާތެރިވުމަށް އާބަންކޯއިން ހުޅުމާލޭގައި ވެސް މިއަދު ވަނީ ހަރަކާތެއް ފަށައިފައެވެ. އާބަންކޯގެ އިސްވެރިންނާއި މުވައްޒަފުން ނުކުމެ، ހުޅުމާލެ ވަނީ ސާފު ކޮށްފައެވެ.