ވަޒީރުންނަށް ރުހުންނުދީ މަޖިލިސް ޗުއްޓީގައި އޮއްވައި މާދަމާ ކޮމިޓީ ބައްދަލުވުމެއް

މަޖިލީހުގެ ޖަލްސާއެއް ތެރެއިން-- ފޮޓޯ/ މަޖިލިސް

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނުނިންމާ، އިއްޔެ ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދިޔަފަހުން، އެ މައްސަލަަ ބަލާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށް ދިޔައިރު، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަދިވެސް އޮތީ ކޮމިޓީ މަރުހަލާގައެވެ.

ވަޒީރުންނަށް ރުހުންހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ މަހު 20 ގައެވެ.

ކުރިން މި މަހު 18ގައި ވަޒީރުންނަށް ރުހުންދޭން ތަޅުމަށް އެޖެންޑާކުރި ނަމަވެސް، އެ ދުވަހު ކޮމިޓީން އެކުލަވައިލި ރިޕޯޓު އެއްކޮށް ފުރިހަމަނުވާތީއާއި ވުޒާރާތަކުގެ މެންޑޭޓު ފާސްކޮށްފައިނުވާތީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލާށެވެ.

އެގޮތުން މާދަމާއަށް ތާވަލުކޮށްފައިވާ ކޮމިޓީ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ވަޒީރުންގެ މަޖިލީހުގެ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާ ގުޅޭގޮތުން ކޮމިޓީން ނިންމައި، މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާފައިވާތީ، އެ ރިޕޯޓާ މެދު ގޮތެއް ނިންމުމެވެ.

ކޮމިޓީގައި މައްސަލަ އަލުން އެޖެންޑާކުރިއިރު، ކުރިން އެމްޑީޕީގައި ތިއްބެވި 12 މެމްބަރަކު ޕާޓީ ބަދަލުވުމުން، ކޮމިޓީގައި އެމްޑީޕީއަށް އޮތް މެޖޯރިޓީވަނީ ގެއްލިފައެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހް މީގެ ކުރިން ވިދާޅުވީ، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ކޮމިޓީގައި ކުރިއަށްނުދާ ކަމަށެވެ. އެއީ، ސްކޫލު ޗުއްޓީއާ މި ދުވަސްވަރު ދިމައިވުމުން ގިނަ މެންބަރުން މާލޭގައި ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، އޭނާ ވިދާޅުވީ ދެން ވަޒީރުންނަށް ރުހުންދިނުމާ ގުޅޭ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެނީ ޗުއްޓީއަށް ފަހުގައި ކަމަށެވެ.

ވަޒީރުންނަށް ރުހުން ނުދެވި، ދިގުދެމިގެންދާތީ ގިނަ ބަޔަކު އަންނަނީ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެކަމަކު، އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ މިހާރު ވެސް ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުންނުދޭން ގޮވައިލަމުންނެވެ.

ހަމައެއާއެކު ރޭ އެމްޑީޕީ ދޫކުރައްވައި، 13 މަޖިލިސް މެމްބަރަކު ޕީއެންސީއަށް ސޮއިކުރައްވައި ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒާ ފޯމު ހަވާލުކުރައްވާފައެވެ.

އެ މެންބަރުން ވިދާޅުވި ގޮތުގައި ރައްޔިތުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެންބަރުން ވަޒީރުންނަށް ރުހުން ނުދޭން އުޅުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފުކަމެކެވެ. އަދި އެއީ އެ މެމްބަރުން ޕާޓީން ވަކިވި ވެސް ސަބަބެވެ.

ސަރުކާރުގައި އަލަށް އުފެއްދި ހަތަރު ވުޒާރާއާ އެކު ޖުމުލަ 22 ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ މަހު 20 ގައެވެ. މަޖިލީހުގެ ކޮމިޓީން މީގެ ކުރިން ވަނީ ވަޒީރުންނަށް ރުހުންދޭއިރު ތަޅުމުގައި ވޯޓަށް އަހާނީ ކޮންމެ ވަޒީރަކަށް ވަކިވަކިން ކަމަށް ނިންމައިފައެވެ.

comment ކޮމެންޓް