އެފްޑީސީން އިމާރާތްކުރާ 4،000 ފްލެޓަށް މި ފެށޭ އަހަރުގެ މާޗުގައި ވަދެވޭވަރުކުރަނީ

އެފްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ބައެއް ޓަވަރުތައް 95 ޕަސެންޓް ނިމިފައި --- ސަން ފޮޓޯ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ކުންފުންޏަކާ ހަވާލުކޮށްގެން ތަރައްގީކުރާ 32 ހައުސިން ޓަވަރުގެ، ތެރެއިން މި ފެށޭ އަހަރުގެ މާޗު މަހު ފުރަތަމަ 4،000 ފްލެޓަށް ވަދެވޭވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެފްޑީސީން މިއަދު ވަނީ އެ ހައުސިން ޓަވަރުތަކުގެ މަސައްކަތް ހިނގާ ގޮތުގެ ޓުއާއެއް މީޑިއާތަަކަށް ދީފައެވެ.

އެގޮތުން އެންބީސީއާ ހަވާލުކޮށްފައިވާ ޓަވަރު އެކަކާއި، ޓަވަރު 16އާއި ޖޭއެމްސީގެ ޓަވަރު 12 އަދި 13 މީޑިއާތަކަށް ދައްކާލައިފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިއަށް ދަނީ --- ސަން ފޮޓޯ

މީގެ ތެރެއިން، ބައެއް ޓަވަރުތަކުގެ މަސައްކަތް 95 ޕަސެންޓް ނިމި އަންނަ އަހަރުގެ މާޗު މަހު، މީހުންނަށް ދިރުއުޅެވެން ފެށޭވަރު ވާނެކަމަށް އެފްޑީސީން މައުލޫމާތު ދީފައިވެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން 4000 ހައުސިން ޔުނިޓު ތަރައްގީ ކުރާއިރު، އެ ޔުނިޓުތައް ހަވާލުކުރާނީ ކޮންމެހެން ބޭނުންވާ، ޒަރޫރީ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށްފަހުގައި ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ފްލެޓްތައް ހަވާލުކުރާއިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސްހަރުކޮށް، ކުލަލައި، ފާހަނަތައްޓާއި މޫނު ދޮންނަ ތަށި ފަދަ ތަކެތި ވެސް ފްލެޓުތަކުގައި ހަރުކޮށްފައި ހުންނާނެ ކަމަށް އެފްޑީސީން މައުލޫމާތުދެއެވެ.

މި ޓަވަރުތަކަކީ ޖުމްލަ ދެ ބަވާތެއްގެ އެޕާޓްމެންޓު ހިމެނޭ ޓަވަރުތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރިއާއި ދެ ކޮޓަރީގެ އެޕާޓްމެންޓެވެ.

އެފްޑީސީން އިމާރާތްކުރާ 4000 ހައުސިން ޔުނިޓުގެ ނެއިބަހުޑް މޮޑެލްއެއް --- ސަން ފޮޓޯ: އިންފިނިޓް މޫވަމަންޓްސް/ މުހައްމަދު މާވީ

ކޮންމެ އެޕާޓްމެންޓެއްގައި ވެސް ކޮޓަރިތަކުގެ އިތުރުން ސިޓިން ރޫމް، ފާހަނާ، ބަދިގެ އަދި ބެލްކަނީއެއް ހުރެއެވެ. ބަދިގެއާއި ސިޓިން ރޫމަކީ ވަކިން ހުންނަ ދެ ތަނަށް ވާއިރު، ކޮޓަރިތަކުގެ ގޮތުގައި އެއް މާސްޓާ ބެޑްރޫމް އަދި ކުދި ރޫމްތައް ހުރެއެވެ.

އެ ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާއަކީ ކޮމާޝަލް ވިޔަފާރިތަކަށް ހުޅުވައިލެވޭ ތަންތަނެވެ.

އެ ތަންތަނުން ވިޔަފާރިތަކަށް ޖާގަ ދިނުމުގައި އެންމެ ބޮޑަށް ބަލާނީ އަލަށް ކުރިއަރަމުން އަންނަ ވިޔަފާރިތަކަށެވެ. ކޮމާޝަލް ބޭނުންތަކަށް ވިޔަފާރިތައް ހޮވާއިރު، އެކަން ކުރާނީ އެ ކުންފުނިން ކަނޑައަޅާ މާސްޓާ ޕްލޭނެއްގެ ދަށުން އިއުލާން ކޮށްގެން ކަމަށް ވެސް އެފްޑީސީން މައުލޫމާތުދިނެވެ.

މި 4،000 ފްލެޓަކީ ނިމިދިޔަ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން، ފުރަތަމަ ފްލެޓް ލިބޭ މީހުންނަށް ދޭނެ ތަންތަނެވެ.

comment ކޮމެންޓް