ކެޓްރީނާގެ ފިލްމުން ފުރުސަތު ނުލިބުމުން ސައިފް މާޔޫސްވެފައި

އެކްޓަރު ސައިފް އަލީ ޚާން ބަތަލާ ކެޓްރީނާ ކައިފާއެކު ފިލްމު "ރޭސް"ގެ މަންޒަރެއްގައި-- ފޮޓޯ/ އިންޓަނެޓް

ކުރިޔަށް އޮތް ޖަނަވަރީ މަހުގެ 12ވަނަ ދުވަހު ރިލީޒް ކުރާ ޑައިރެކްޓަރު ސްރީރާމް ރާގަވަންގެ ފިލްމުން ފުރުސަތު ގެއްލުމުން އެކްޓަރު ސައިފް އަލީ ޚާން ވަރަށް ބޮޑަށް އެކަމާ މާޔޫސްވި ކަމަށް ޑައިރެކްޓަރު ބުނެފިއެވެ.

ބަތަލާ ކެޓްރީނާ ކައިފާއެކު ސައުތު އެކްޓަރު ވިޖޭ ސެތުޕަތިއާ ލީޑް ރޯލް ކުޅޭ މި ފިލްމުން ސައިފް ބޭނުންވީ ވިޖޭގެ ބަދަލުގައި ކެޓްރީނާއާ އެކު އެކްޓަރު ފެނުމަށެވެ.

ފިލްމުގެ ޕްރޮމޯޝަން އިވެންޓެއްގައި ޑައިރެކްޓަރު ސްރީރާމް ބުނީ ފިލްމުގެ ކާސްޓުންނާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް ވިޖޭ ފިލްމަށް ގެނައުމުގެ ކުރިން ސައިފް އަލީ ޚާން އޭނާގެ މި ފިލްމާ މެދު ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.

އެހެން ނަމަވެސް ސްރީރާމް ބޭނުންވީ ކެޓްރީނާއާ އެކު މީގެ ކުރިން ސްކްރީނުން ފެނިފައި ނުވާ އެކްޓަރަކު ފިލްމަށް ގެންނަން ކަމަށް ފިލްމު "އަންދާދުން"ގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ފިލްމުގައި ގެނެސްދޭ ވާހަކަ ބިނާކޮށްފައިވާ ގޮތުން ފިލްމުން ފެންނަ ޖޯޑަކީ މުޅިން އާ ޖޯޑަކަށް ވާންޖެހާ ކަމަށާއި ސައިފަށް ފުރުސަތު ގެއްލުނީ އެ ސަބަބާ ހުރެކަމަށް ސްރީރާމް ވަނީ ބުނެފައެވެ. ބަތަލާ ކެޓްރީނާ އާއި ސައިފް މީގެކުރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭ 2015ވަނަ އަހަރު ރިލީޒްވި ފިލްމު "ޕެންޓޮމް" އަދި 2008ވަނަ އަހަރު ރިލީޒްވި ފިލްމު "ރޭސް" ހިމެނެއެވެ.

ކެޓްރީނާ އާއި ވިޖޭގެ ފިލްމު 'މެރީ ކްރިސްމަސް'ގެ ޕޯސްޓަރެއް-- ފޮޓޯ/އިންޓަނެޓް

ޑައިރެކްޓަރު ސްރީރާމް އާއި ސައިފް އެކީގައި މަސައްކަތް ކުރި ފިލްމު ތަކުގެ ތެރޭ "އެކް ހަސީނާ ތީ" އަދި "އެޖެންޓް ވިނޯދު" ފަދަ ފިލްމުތައް ހިމެނެއެވެ. ވިޖޭ އާއި ކެޓްރީނާ ފުރަތަމަ ފަހަރަށް ސްކްރީނުން ފެންނަ ލޯބީގެ ތުރިލާ ހިންދީ ބަހުންނާއި ތަމަޅަ ބަހުން ރިލީޒް ކުރަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް