ދޮށީ ދެ ކުދިން ފިލްމީ ދާއިރާއާ ގުޅުނީ އަމިއްލައަށް: ޝާހު

ސުހާނާ ޚާން އަދި އާރިޔަން ޚާން ކޮއްކޮ އަބްރާމް-- ފޮޓޯ/ ގަލްފް ނިއުސް

ފިލްމު އިންޑަސްޓްރީއަށް މިހާރު ނުކުމެފައިވާ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދެ ކުދިން އާރިޔަންއާއި ސުހާނާ ފިލްމީ ދާއިރާއަށް ނުކުތީ އަމިއްލަ އިޚުތިޔާރުގައި ކަމަށް އެކްޓަރު ބުނެފިއެވެ.

ބޮކްސް އޮފީހުގައި ތާރީޚީ އަހަރެއް ޝާހު ހޭދަކޮށްފައިވާއިރު އަންހެން ދަރިފުޅު ސުހާނާ ޚާން ފިލްމީ ދާއިރާއަށް ނުކުތުމުން އެކަމާ ކުޑަކޮށް ހާސްވި ކަމަށް ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޝާހު ވަނީ ބުނެފައެވެ.

ދޮށީ ދަރިފުޅު އާރިޔަން ޚާން ވެސް ކެރިއަރުގެ ފުރަތަމަ ފިލްމީ ޕްރޮޖެކްޓްގެ މަސައްކަތް ފަށާފައިވާއިރު އެ ކުދިން ކުރިއަށް ދާން ބޭނުން ވާނެ މަގު ޚިޔާރުކުރުމުގެ މިނިވަންކަން ދިން ކަމަށް ޝާހު ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާއިން ކުރިއަށް ދިއުމުގެ ޚިޔާލު ދުވަހަކު ވެސް ކުދިންނަށް ނުދޭ ކަމަށާއި ފިލްމީ ދާއިރާ ޚިޔާރުކުރީ އެ ކުދިން އަމިއްލައަށް ކަމަށް "ޖަވާން"ގެ އެކްޓަރު ވަނީ ބުނެފައެވެ. ފިލްމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރި ތަޖުރިބާކާރެއްގެ ހައިސިއްޔަތުން އަމިއްލަ ދަރިން ފިލްމީ ދާއިރާއަށް ނުކުތުމުން އެއީ 'ޑަބަލް ސްޓްރެސް'އެއް ކަމަށާއި މައިންބަފައިންގެ ހައިސިއްޔަތުން ޝާހު އާއި ގޯރީ ވެސް ބައެއް ފަހަރު އެކަމާ ފިކުރު ބޮޑުވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ނަމަވެސް ސުހާނާއާއި އާރިޔަންއަށް ޝާހުގެ ފިލްމީ ކެރިއަރު ވަރަށް ގާތުން ފެނިފައިވާނެ ކަމަށާއި ފިލްމީ ތަރިންގެ ގޮތުގައި ދިމާވާ ބައެއް ކަންކަމާއި ހާލަތްތަކާ މެދު އަމަލު ކުރަން ފަސޭހަވާނެ ކަމަށް ޝާހު ވަނީ ބުނެފައެވެ.

ޝާހްރުކް ޚާން އާއިލާއާ އެކު -- ފޮޓޯ/ ގަލްފް ނިއުސް
ދާދި ފަހުން ނެޓްފްލިކްސްގައި ރިލީޒްކުރި ފިލްމު "ދަ އާޗީސް"އިން ސުހާނާ ފިލްމީ ކެރިއަރު ފެށިއިރު އާރިޔަން ވަނީ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސް "ސްޓާ ޑަމް"ގެ މަސައްކަތް ފަށައިފައެވެ.

ސުހާނާ ފިލްމީ ތަރިއެއްގެ ގޮތުގައި ކެރިއަރު ފެށިއިރު އާރިޔަން ބޭނުންވީ ކެމެރާގެ ފުރަގަހުގައި ޑައިރެކްޓަރެއްގެ ގޮނޑި ފުރުމަށެވެ. ޝާހުގެ ދެ ކުދިން ވެސް ފިލްމީ ދާއިރާއާ ގުޅުނީ އެ ދާއިރާއިން މަތީ ތަޢުލީމު އުނގެނުމަށް ފަހުއެވެ.

comment ކޮމެންޓް