މަތީ ސަނަދެއް އޮތަސް ތަރުބިއްޔަތެއް ނެތް މީހަކީ މުޖުތަމައުއަށް ބޭނުންވާ މީހެއް ނޫން: ޝަހީމް

އެވިޑް ކޮލެޖުގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަދައްކަވަނީ-- ސަން ފޮޓޯ

ކިތަންމެ މަތީ ސަނަދެއް އޮތަސް, ތަރުބިއްޔަތެއް ނެތް މީހަކީ މުޖުތަމައުއަށް ބޭނުންވާ މީހެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.

އެވިޑް ކޮލެޖުގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، އިލްމަކީ އިންސާނާގެ ހަޔާތުގައި ވަރަށް މުހިންމު އެއްޗެއް ކަމަށާއި އެއީ އިންސާނާ އެހެން މަންޒިލަކަށް ގެންދާ އެއްޗެއް ކަމަށެވެ.

ދަސްވެނިވި ދަރިވަރުންނަށް އިޝާރާތްކުރައްވައި ޝަހީމް ވިދަޅުވީ މަތީ ތައުލީމް ހާސިލްކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ ވެސް އެކަކު އަނެކަކަށް އިހުސާންތެރިވާ ބަޔަކަށް ވާންވާނެ ކަމަށެވެ.

"އަހަރެމެން މައާފުކުރާ ބަޔަކަށް ވާންވީ، ބަދަލު ހިފުމުގެ ގާބިލުކަން ލިބިގެންވާ ހާލު މައާފުކުރާ ބަޔަކަށް ވާންވީ،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

"މަދަރުސީ ހަޔާތަކީ، އިލްމު ހޯދަން މަސައްކަތްކުރާ ދަރިވަރުންނަށް އަންނަ ވަރަށް ރީތި ވާހަކައެއް. އެ ވާހަކައަކީ އުފާވެރިކަމާއި، ހިތާމައާ ވަރަށް ގިނަ ކަންކަން އެކުލެވިގެންވާ ވާހަކައެއް."

މިނިސްޓަރު ޝަހީމް ވިދާޅުވީ ދަސްވެނިންނަކީ ދަސްވެނިވުމަށް ފަހު މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރާނެ ބައެއް ކަމަށެވެ. އެގޮތުން އެމީހުންނަކީ މުސްތަގުބަލުގައި މުހިންމު މަގާމުތައް ފުރާނެ ބައެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި އެފަދަ ގާބިލް ބަޔަކު ނެރުމުގައި އެވިޑް ކޮލެޖަކީ މުހިންމު ދައުރެއް އަދާ ކުރާ ކޮލެޖެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެވިޑް ކޮލެޖްވެގެން ގޮސްފައި ވަނީ އެތައް ބަޔަކަށް އުންމީދީ ހިޔާއަކަށް، މިވަރުގެ މުއައްސަސާއެއް އަމިއްލަ ފަރާތަކުން ހިންގަވާތީ އެއީ ދިވެހި ދައުލަތުން ވެސް އަގުވަޒަން ކުރަން ޖެހޭ ކަމެއް،" ޝަހީމް ވިދާޅުވިއެވެ.

https://sun.mv/186649

ރޭގެ ރަސްމިއްޔާތުގައި، އެވިޑް ކޮލެޖްގައި މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ވަނީ ޚާއްޞަ އެވޯޑުތަކެއް ދީފައެވެ. އެގޮތުން އެ ކޮލެޖުން ދީފައިވާ އެންމެ ޚާއްޞަ އެވޯޑު، ޗެއާމަންސް ޑައިމަންޑް އެވޯޑު ހާސިލްކޮށްފައިވަނީ އެ ކޮލެޖުގެ މާސްޓާ އޮފް ޓީޗިން އިސްލާމް ކޯހުގެ ދަރިވަރު އައިޝަތު ޝާފިރާއެވެ.

މި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ޗެއާމަން ޢަބްދުﷲ މުސްތާގު ރަޝާދުގެ އިތުރުން އެ ކޮލެޖުގެ ރެކްޓަރު ޑރ. ސުނީނާ ރަޝީދާއި ކޮލެޖުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް