ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރާ މެންބަރުންތަކެއް ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް ސޮއިކުރަން ނިންމައިފިއެވެ.
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ އިސް މެންބަރަކު "ސަން"އަށް ވިދާޅުވީ، އެ ޕާޓީގެ "ހަޔެއްކަ" މަޖިލިސް މެންބަރުން ޕީއެންސީއަށް ސޮއިކުރަން ނިންމާފައިވާ ކަމަށާއި މާދަމާ ޕީޕީއެމް، ޕީއެންސީން ބާއްވާ ޖަލްސާއެއްގައި އެ މެންބަރުން ސޮއިކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
ޕީއެންސީގެ އިސް މެންބަރަކު "ސަން"އަށް ވިދާޅުވި ގޮތުގައި އެމްޑީޕީން އެ ޕާޓީއަށް 12 މެންބަރުން ސޮއިކުރާނެއެވެ.
ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް މިހާތަނަށް ކަށަވަރުވެފައިނުވެއެވެ.
ޕީޕީއެމުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ރޭ 8:15ގައި ދަރުބާރުގޭގައެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީގެ މެންބަރުން ސަރުކާރު ހިންގާ ޕާޓީއަށް ބަދަލު ވަނީ އެކި ސަބަބުތަކާ ހެދިއެވެ. އޭގެ ތެރޭގައި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީން ވާދަކުރާނެ ބައެއް ދާއިރާތަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުން ހިމެނެއެވެ. އަދި އެ އިންތިޚާބުގައި ޕާޓީގެ ފަރާތުން މެންބަރުންނަށް ޚަރަދު ނުކުރާނެ ކަމަށް އެމްޑީޕީން އަންގާފައިވާ ކަމަށާއި އެކަމާ ވެސް ބައެއް މެންބަރުން ނުރުހުން ވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މީގެ އިތުރުން، ބައެއް މެންބަރުން ޕީއެންސީއަށް ބަދަލުވަނީ ސަރުކާރުގެ ވަޒީފާ ކަށަވަރު ކުރުމަށް ކަމަށް ވެސް އެ ޕާޓީގެ މަޖިލިސް މެންބަރަކު "ސަން"އަށް ވިދާޅުވިއެވެ.
މި ދައުރު 65 މެންބަރުންގެ ސުޕަމެޖޯރިޓީއަކާއެކު ފެށި އެމްޑީޕީގައި މިހާރު ތިބީ 56 މަޖިލިސް މެންބަރުންނެވެ. އެ ޕާޓީން ހަ މެންބަރުން މަދުވެއްޖެ ނަމަ އަދަދު 50އަށް ވެއްޓޭނެއެވެ. އަދި 12 މެންބަރުން ވަކިވެއްޖެ ނަމަ 44އަށް ވެއްޓޭނެއެވެ.
މިވަގުތު މަޖިލީހުގައި ޕީއެންސީގެ ދެ މެންބަރަކު ތިއްބަވާއިރު، އާ މެންބަރުންނާއެކު އެ އަދަދު 14އަށް އަރާނެއެވެ. އަދި ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ އިތުރުން އެމްއެންޕީގެ މެންބަރުންނާއެކު ޖުމްލަ 18އަށް އަރާނެއެވެ.
ބައެއް މަޖިލިސް މެންބަރުން އެމްޑީޕީ ދޫކޮށްލާފައިވަނީ މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް އެ ޕާޓީން ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި، ރައީސާއި ނައިބު ރައީސް އަޒުލުކުރަން ފަސޭހަވާގޮތަށް އެ ޕާޓީން މަޖިލީހުގެ ގަވާއިދު ވެސް ބަދަލުކޮށްފައި ވަނިކޮށެވެ.
މަޖިލީހުގެ ގަވާއިދަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާއިރު، މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާދެއްވާފައި ނުވަތަ ވަކިވެފައިވާ މެންބަރުން ނުގުނުމެވެ. އެއީ، އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހެކެވެ.
އެ އިސްލާހާ އެކު، މިހާރު މަޖިލީހުގައި ތިއްބަވާނީ 80 މެންބަރުންނެވެ. އެއީ، ސަރުކާރުގެ އެކި މަގާމުތަކައި ހަވާލުވާން ސަރުކާރު ހިންގާ ޕީއެންސީއާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ އެމްއެންޕީ ހިމެނޭހެން ޖުމުލަ ހަތް މެންބަރަކު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އަންނަ އަހަރު 20 ވަނަ މަޖިލިސް އިންތިޚާބު އޮންނާތީ އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާކީ މިއޮތް މުއްދަތުގައި ނުބާއްވާށެވެ.
މިހާރު 53 މެންބަރުންގެ ވޯޓުން ރައީސް އަޒުލުކުރެވޭނެއެވެ. އެއީ، ގާނޫނު އަސާސީ ބުނާ ގޮތުން ރައީސާއި ނައިބު ރައީސް އަޒުލުކުރަން ބޭނުންވާނީ މަޖިލީހުގެ ތިންބައިކުޅައެއްބައި ވޯޓެވެ.
އެމްޑީޕީއަށް ބައެއް މެންބަރުން ގެއްލުމާއެކު، އެ ޕާޓީން އަމިއްލައަށް ރައީސާއި ނައިބު ރައީސް އަޒުލުކުރުމުގެ ބާރު ވެސް ވަނީ ގެއްލިފައެވެ.