އަންނަ އަހަރުގެ ޙައްޖުގައި ރާއްޖެއިން އިސް ޝައިޚަކަށް ޝަމީމް

ކުރިއަށް އޮތް ޙައްޖުގެ އިސް ޝައިޚަކަށް ހަމަޖައްސަވާފައިވާ ޝައިޙު ޑރ. އާދަމް ޝަމީމު-- ފޮޓޯ: އެކްސް/ އިސްލާމިކް މިނިސްޓަރު

ކުރިއަށް އޮތް 1445ވަނަ އަހަރުގެ ޙައްޖުގައި ދިވެހި ޙައްޖުވެރިންނާއެކު ޙައްޖުގެ އަޅުކަމުގައި އިސް ޝައިޚެއްގެ ގޮތުގައި ބައިވެރިވާނީ ޝެއިޚް ޑރ. އާދަމް ޝަމީމުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު އިއުލާންކުރައްވައިފިއެވެ.

މިނިސްޓަރު އެ ކަން އިއުލާންކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝަމީމަކީ ޙަދީޘާއި އިސްލާމީ ތައުލީމުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރައްވައިފައިވާ ޝައިޚެކެވެ.

ހުކުރު ޚުތުބާ ވިދާޅުވުމުގެ އިތުރުން ވަރަށް ގިނަ ދީނީ ދަރުސްތައް މާލޭގައާއި އަތޮޅުތެރޭގައި އޭނާ ދެއްވައެވެ. އެގޮތުން ފާހަގަކޮށްލެވޭ އަންދަލުސް ދަރުސް ވެސް ދެއްވީ ޝެއިޚް ޝަމީމެވެ.

ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަމުގައި، ރާއްޖެއިން ފުރާ މީހުންނާއެކު އަމީރުލް ހައްޖުގެ ގޮތުގައި ދައުލަތުގެ އިސް ބޭފުޅަކު ވެސް ވަޑައިގަންނަވައެވެ. މި އަހަރުގެ ހައްޖުގައި، އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަތީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅާއަކީ ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން އެންމެ އިސްކޮށް ބަލަހައްޓަވާ ފަރާތެވެ.

ކުރިއަށް އޮތް ހައްޖުގެ އަޅުކަމަށް ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުރިހާ ކޯޓާއެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ މިހާރު ރަސްމީކޮށް ވަނީ ހަވާލުކޮށްފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ހައްޖަށް މީހުން ގެންދާ އަގު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

މީލާދީ ގޮތުން އަންނަ އަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ލަފާކުރެވެނީ 14 ޖޫން 2024 ވާ ހުކުރު ދުވަހެވެ.

comment ކޮމެންޓް