މިއަދުގެ މުޖުތަމައުގައި އާއިލީ ގުޅުންތަކަށް ފަރުވާ ބޭނުންވާ ކަމަށާއި ދޭދޭ ކުލުނުވެރިކަމާއި އެއްބަނޑުއެއްބަފާކަން ގާއިމުކުރުމަށް އެހީ ބޭނުންވާ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މިއަދު ދިވެހީން އެކަކު އަނެކަކުގެ އަބުރަށާއި އިއްޒަތަށް ހުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭން ޖެހޭ ކަމަށެވެ.
އެގޮތުން މިއަދު ދިވެހިންގެ ހިތްތަކަށް ރަހުމާއި ކުލުނާއި އޯގާވެރިކަމުގެ މޫސުމެއް އަންނަން އެބަ ޖެހޭ ކަމަށާއި އެމަނިކުފާނު އެންމެ ދެކެން ބޭނުންވަނީ އެ ދުވަސް ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކެން ބޭނުންވަނީ އެ ދުވަސް. މާޒީން އަޅުގަނޑުމެން ދެކެފައިވި އެކުވެރިކަމުގެ ދުވަސް. ގުޅުންތެރިކަމުގެ ދުވަސް. މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދާ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް އަޅުގަނޑުމެންނަށް ދޭ ފިލާވަޅަކީ އެއީ،" ރައީސް ވިދާޅުވިއެވެ.
ސުނާމީ ކާރިސާއަށް ފަހު ބައެއް ރަށްތައް ބިނާކުރުމުގައި ސޭފް އައިލެންޑް ކޮންސެޕްޓް ބޭނުންކުރަން ފެށުނުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސަރުކާރުން ފެށި ރަސްމާލެ މަޝްރޫއަކީ ވެސް ސޭފް އައިލެންޑް ކޮންސެޕްޓަށް ފަރުމާކުރެވިފައިވާ މަޝްރޫއެއް ކަމަށެވެ.
"އެކަމަކު ދަންނަވަންތޯ؟ އަޅުގަނޑުމެންގެ ހަގީގީ ސަލާމަތްތެރިކަން އޮތީ އަދި މުޅިން އެހެން ކަމެއްގައި. އެހެން ގޮތެއްގައި،" ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމީ އެއްބައިވަންތަކަމުގެ ދުވަހު އަޅުގަނޑުމެން ލިބިގަންނަންވި ފިލާވަޅަކީ މިއީ. ކީރިތި ﷲގެ ވާފަށުގައި އެންމެން އެކުވެރިވެގެން ހިފުމުގެ ފިލާވަޅު."
ރައީސް ވަނީ އާއިލާއަކުން އަބަދު ވެސް އެ މީހުންގެ ގޯތި ގެދޮރާއި މުދަލުގެ ސަލާމަތާ މެދު ވިސްނުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި އާއިލާއެއް އަބަދުވެސް ގޭތެރޭގެ ހަމަޖެހުމާއި ކުލުނާއި ލޯބި އިތުރުވާނެ ގޮތަށް ކަންކަން ކުރަން ޖެހޭ ކަމަށާއި ގައުމެއްގައި އެ ސިފަ އޮންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.
"ދިވެހީންގެ މާޒީ ދިވެހީންނަށް ދިނީ މި ފިލާވަޅު. އެއްބައިވަންތަކަމުގެ ދުވަހު އަޅުގަނޑުމެން ޢަމަލީ ގޮތުން ދަސްކުރީ އަދި އުނގެނުނީ މި ފިލާވަޅު. މީ އެއް ގައުމެއްކަން. އެއްބައެއްކަން،" ރައީސް ވިދާޅުވިއެވެ.