މިދިޔަ ސަރުކާރުން ލ. ގަމުގައި އިމާރާތްކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލު މާލެ ސަރަޙައްދަށް ބަދަލުކުރަން މި ސަރުކާރުން ނިންމި ނިންމުން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް މިރޭ ގޮވާލައްވައިފިއެވެ.
ވިސާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގަމު ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި އަދި ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް، ޚިޔާލެއް ވެސް ހޯދުމެއް ނެތި ސަރުކާރުން ވަނީ ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަން ނިންމައިފައެވެ. އެފަދަ ގޮތަށް ސަރުކާރުން ގޮތް ނިންމުމަކީ ރައްޔިތުންގެ ބައިވެރިވުން ބޭނުން ނުވާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ވިސާމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ގަމުގައި ކެންސަރު ހޮސްޕިޓަލު އަޅަން ނިންމީ ސިޔާސީ ބޭފުޅުންނާއި ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ނުފޫޒުގަދަ އެތަކެއް ބޭފުޅުންނެއް އެ ހޮސްޕިޓަލު މާލޭގައި އެޅުމަށް އެދެމުން ދަނިކޮށް ކަމަށެވެ.
އެ ނިންމުމާއެކު އިންޑިއާގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ)ގެ މަންދޫބުން ގަމަށް ވަޑައިގެން ހޮސްޕިޓަލު ގާއިމްކުރުމަށް ހުރަހެއް އޮތްތޯ ބެލުމަށް ފީސަބިލިޓީ ރިޕޯޓާއި ޑީޕީއާރު ރިޕޯޓު ހަދައި އިންޑިއާގެ ފޮރިން މިނިސްޓްރީން އެ ރިޕޯޓް ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފައިސާ ވެސް އިންޑިއާގެ އެގްޒިމް ބޭންކުން ހަމަޖައްސައިދީފައިވާ ކަމަށް ވިދާޅުވިއެވެ.
"ކެންސަރު ހޮސްޕިޓަލު ބަދަލުކުރަން ނިންމީ ޓާޝަރީ ފަރުވާ ނުލިބޭ ސަރަހައްދެއްގައި ކެންސަރު ހޮސްޕިޓަލު އަޅަން ޖެހުމުން ކަމަށް ސަރުކާރުން ބުނާއިރު އެ ހޮސްޕިޓަލް ގަމުގައި އެޅުމުގެ ބޭނުމުގައި ނިމިިދިޔަ ސަރުކާރުން ވަނީ 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް 16 ޖުލައި 2023 ގައި އެމްޓީސީސީއާ ހަވާލުކޮށްފަ،" އެ ބަޔާނުގައި ބުނެފައިވެއެވެ.
ވިސާމް ވިދާޅުވީ ގަމުގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ހަވާލުކޮށްފައި އޮއްވާ އެ ޚިދުމަތް ނުލިބޭ ކަމަށް ބުނެ ކެންސަރު ހޮސްޕިޓަލު ބަދަލުކުރުމުން ސަރުކާރުން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގަމުގައި އެޅުމަށް ހަވާލުކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލް ވެސް އެހެން ރަށަކަށް ބަދަލުކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މިދިޔަ ސަރުކާރުން ފަށާފައިވާ އެއްވެސް ތަރައްގީގެ މަޝްރޫއެއް ނުހުއްޓައި ރޭވިފައިވާ ގޮތަށް ކުރިއަށްގެންދާނެ ގޮތުގެ ވައުދާއެކު ކަމަށްވީއިރު މިއީ ގަމުގެ ތަރައްގީއަށް އަދި އަތޮޅުގެ ކުރިއެރުމާ ނުހަނު ގުޅިފައިވާ އެންމެ ބޮޑު ޕްރޮޖެކްޓު،" އެ ބަޔާނުގައި ވިސާމް ވިދާޅުވިއެވެ.
މީގެ އިތުރުން، މާލެއަށް ހުރިހާ ބާރެއް މަރުކަޒު ކުރުމުގެ ސަގާފަތް އަލުން އިއާދަ ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ތޮށްޖެހިފައިވާ މާލެއަށް ކެންސަރު ހޮސްޕިޓަލުގެ މަޝްރޫއު ބަދަލުކުރީ އެފަދަ ބޮޑު މަޝްރޫއެއް ގަސްތުގައި ހުއްޓުވުމަށްޓަކައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
"ލ. ގަމުގައި ގާއިމުކުރަން ނިންމާފައި އޮތް ކެންސަރު ހޮސްޕިޓަލު މާލޭގައި އަޅަން ނިންމި ނިންމުން ބަދަލުކުރުމަށް ސަރުކާރަށް ގޮވާލަން،" އެ ބަޔާން ނިންމާލަމުން މެންބަރު ވިސާމް ވިދާޅުވިއެވެ.
ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހު ވިދާޅުވެފައެވެ. އެ ހޮސްޕިޓަލް ގަމުގައި އަޅަން ފަށާނެ ތާރީޚު ކުރީގެ ސަރުކާރުން އެކި ފަހަރު ދިން ނަމަވެސް އެ މަސައްކަތް އޮތީ މަޑުޖެހިފައެވެ.