ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ދެ ބޭފުޅުން މިއަދު އެ އޮފީހުގައި ބައްދަލުކުރައްވާފައިވާއިރު، ގައުމުގައި ހުރި ސިޔާސީ އަދި އިޖުތިމާއީ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެކަމަކު، ބައްދަލުވުމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އެ އޮފީހުން އާންމުކޮށްފައެއް ނުވެއެވެ.
ރައީސް މުއިއްޒު އިއްޔެ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ވެސް ބައްދަލުކުރައްވައިފައެވެ.
އޭގެ ކުރިން އެ މަނިކުފާނު ވަނީ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާ ވެސް ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުންތަކާ ގުޅޭ މާ ބޮޑު ތަފުސީލެއް ވެސް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވަހީދަކީ ނިމުނު ރިޔާސީ އިންތިޚާބުގެ ކެމްޕޭނާ ޖެހެންދެން ޕީޕީއެމްގެ ހާއްސަ މުޝީރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އެކަމަކު، ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓު އެރުވުމާ އެކު، އެ ޕާޓީ ތެރޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އެ މަނިކުފާނު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.
އެއަށް ފަހު ރިޔާސީ އިންތިޚާބުގައި ވަހީދު ތާއީދުކުރެއްވީ ޖުމްހޫރީ ޕާޓީން ވާދަކުރެއްވި ގާސިމަށެވެ. ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑައިގަތީ އެންމެ 5460 ވޯޓެވެ.
އޭގެ ފަހުން ދެވަނަ ބުރުގައި ގާސިމާއި ވަހީދު އެއްވެސް ޕާޓީއަކަށް ތާއީދެއް ނުކުރައްވައެވެ. އެކަމަކު، ގާސިމްގެ ރަނިންމޭޓަކަށް ނެންގެވި އަމީން އިބްރާހިމާއި ވަހީދުގެ ދަރިކަލުންނާ ދެ ބޭފުޅުން ވަނީ ދެވަނަ ބުރުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއީދުކުރައްވައިފައެވެ.