ލޯންޗު އުދަބާނި ހެދިފައިވާ ކަނޑުދުވަން ފެށިތާ މާގިނައިރުތަކެއް ނުވެއެވެ. ރިސޯޓްތަކުގެ ބައެއް ވޯޓާވިލާތަކާއި ރުއްގަސް އޮޔާ ދެމެމުންދާތީ ފެނުނެވެ. މަރުވެގެން ފެނަށް ތިލަވެފައިވާ އެކި ބާވަތުގެ މަސްމަހާ މެއްސާއި ދޫންޏާއި ވެލާ ކަހަނބާއި ވަލު ޖަނަވާރުވެސް ބާނިތަކާއެކު އޮޔާ ގެންދެއެވެ. ހައިރާންކަމާއި ޝައުގުވެރިކަމާއެކު އެ ފޮޓޯތައް ނަގަން ހުއްޓާ ލޯންޗު ގޮސް، ކ. މާފުއްޓަށް ބަނދަރުކޮށްފިއެވެ. ވަގުތުން ރަށުތެރެއަށް ހިނގައިގަތީމެވެ. އެކަނިމާއެކަންޏެވެ.
މުޅި ރަށަށް އޮތީ ހަމަހިމޭންކަން އޭގެ އިންތިހާއަށް ފެތުރިފައެވެ. ފެންނަމުން ދިޔައީ ހިތަށްވެސް ގެނެވިފައިނުވާ ފަދަ ހިތްދަތި، ބަލަންވެސް އުނދަގޫ މަންޒަރުތަކެކެވެ. ރަށުތެރޭން ބައްދަލުވި ބައެއް މީހުން އެ މީހުންގެ ވާހަކަތައް ކިޔައިދެމުން ދިޔައީ ގިސްލާ ރޮމުންނެވެ. އަހަރެންނަށް ފެނުނީ ގޮސްހުސްވެ، މާޔޫސްވެ، ހާލުގައި ޖެހިފައިވާ ރައްޔިތެކެވެ. ރުއްގަސް މުލުން ލުހި، ގެދޮރު ބިމާހަމަވެ، އެކި ހިސާބުތަކުން ބިންގަނޑު ކަނޑައިގެން ގޮސް، ދިރުމެއް ނެތް ރަށެކެވެ. ފަނާކުރުވަނިވި ބިރުވެރި ފިލްމެއްގެ މަންޒަރެއް ފަދައެވެ.
އެއީ މީގެ 19 އަހަރު ކުރިއެވެ. ތާރީޚަކީ 26 ޑިސެމްބަރު 2004އެވެ. އިންޑޮނޭޝިއާގެ އައްސޭރި ފަށުގެ ބިމު އަޑިން އުފެދުނު ވަރުގަދަ ހެލުމެއްގައި އުފައްދާލި އިންޑިއާ ކަނޑުގެ ތާރީޚީ ސުނާމީ ކާދިސާގައި ރާއްޖޭގެ ރަށަކަށް ލިބުނު ގެއްލުމުގެ ވާހަކައެވެ. މިއީ އެންމެ ރަށެއްގެ ކުޑަ މިންވަރެކެވެ. މި ލިސްޓަށް ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް ރަށްތައް ލެވެން އެބަހުއްޓެވެ. މިއަށްވުރެ މާބޮޑެތި ގެއްލުންތައް ލިބުނު އަތޮޅުތަކާއި ރަށްތައްވެސް އެބަހުއްޓެވެ. މުޅި ރަށް އަލުން އާރާސްތުކުރަން ޖެހުނު ރަށްތައްވެސް މި ލިސްޓުގެ އެންމެ ކުރީގައި ހިމަނާލެވޭނެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ 200 ރަށުގެ ތެރެއިން 39 ރަށެއް މި ކާރިސާގައި މުޅިންހެން ހަލާކުވެގެން ދިޔައެވެ. އެއީ ރާއްޖޭގެ އާބާދީގެ ތިންބައި ކުޅަ އެއްބައެވެ.
ދުނިޔޭގެ ތާރީޚު ފޮތުގައި ކަޅުއަކުރުން ފަވާލެވުނު ނުރައްކާތެރި ސުނާމީ ކާރިސާ ރިޕޯޓުކުރުމުގައި ހަރަކާތްތެރިވި މިހާރުގެ ސީނިއާ ނޫސްވެރިއަކާ ސުވާލުކުރުމުން އޭނާގެ ވާހަކަތައް ހުރީ މިހެނެވެ؛ "ނޫސްވެރިކަމުގެ ހަޔާތުގައި އިމޯޝަނަލްވި، ހިތުގައި ޖެހި، ރޮވުނު ހާދިސާއަކީ ސުނާމީގައި ހަލާކުވި ތަންތަނާއި ހާލުގައި ޖެހިފައިވާ މީހުންގެ ދިރިއުޅުން ހަމަ ލޮލަށް ފެނުން. ފެނުނު މަންޒަރުތަކާއި އިވުނު ވާހަކަތަކުގެ ތެރެއިން ރިޕޯޓްކުރާނީ ކޯއްޗެއް ކިހިނެއްކަން ނޭނގޭ މިންވަރަށް މީހާ ޖަޒުބާތުގައި ޖެއްސި ހާދިސާއެއް އެއީ. ރަސްމީ މަސައްކަތް ދޫކޮށް، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުން ނޫން އިތުރު އެއްވެސް ކަމެއް ނުކުރާނަމޭ އެތައް ފަހަރަކު ހިތަށް އެރި. ހިމޭންވެ، ބަސް ހުއްޓިފައި އިނދެވުނީ ކިހާ އިރަކުކަން ވެސް ނޭނގޭ ފަދަ ހިތްދަތި އިހްސާސްތައް ކުރުވި އެކި ރަށްރަށަށް ދަތުރުކޮށްލުމުން."
ޑިސެމްބަރު 25 ވަނަ ދުވަހު އިންޑޮނޭޝިޔާގެ ސުމަތުރާ ޖަޒީރާގެ ކަނޑު އަޑިއަށް އައި ގަދަފަދަ ކުއްލި ހެލުމުގައި ތިލަކޮށްލި ބާރުގަދަ ސުނާމީގެ ވަރުގަދަ ބާނިތައް އައިސް، ރާއްޖޭގެ ރަށްތަކަށް ވާސިލުވީ ޑިސެމްބަރު 26 ވަނަ ދުވަހުގެ ހެނދުނު ނުވަގަޑި ބައި އެހާކަށްހާއިރުއެވެ.
މަންޒަރު ދުށް މީހުން ބުނެފައިވާ ގޮތުގައި ފަޅުތެރެއާއި ފަރުމައްޗާއެކު ހަމަ ކުއްލި ގޮތަކަށް ދިޔަވަރު ހިކިގެންދިޔައެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން، ލޮލުކޮޅުން ފެންނަން ހުރި ރަށްރަށުގެ މަލަމަތި ގެއްލޭވަރަށް ދިޔަވަރު އުފުލި، ސާލެއްހެން ފަތުރާލި ބާރުގަދަ ބާނިތަކުން ދިވެހިންގެ ޖަޒީރާ ދިރިއުޅުން އޮޔާ ގެންދިޔައެވެ. ރާއްޖޭގެ އިގްތިސާދު އެ ދެ ސިނާއަތަކަށް ބިނާވެފައިވާ ޓޫރިޒަމާއި މަސްވެރިކަން ކަނޑުވެ، އިންތިހާބޮޑު ގެއްލުން ވެގެން ދިޔައެވެ.
މުޅި ދުނިޔެއިން ގާތްގަނޑަކަށް 230،000 މީހުން މަރުވެ ދިޔަ މި ހާދިސާގައި ރާއްޖެއިން ޖުމްލަ 82 މީހުން މަރުވެ ސާޅީސް މީހުންނަށް ވީނުވީއެއް ނޭނގި ގެއްލުނު މި ކާރިސާގައި ރާއްޖެއަށް ލިބުނު ގެއްލުން 470 މިލިއަން ޑޮލަރަށްވުރެ މައްޗަށް ދިޔައެވެ.
ޔޫއެންޑީޕީން 2004ގެ ސުނާމީ ކާރިސާއާ ގުޅޭ އެކި ރިޕޯޓްތަކުގައި ރާއްޖެއަށް ލިބުނު ގެއްލުން ސިފަކޮށްފައިވަނީ "އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންގެ ދިރިއުޅުން ކަނޑުވި" ހާދިސާއެއްގެ ގޮތުގައެވެ. ޔޫއެސް އެއިޑްގެ އިސް މަންދޫބަކު ވިދާޅުވެފައިވާ ގޮތުގައި ސުނާމީ ކާރިސާ ދިރާސާކުރާއިރު، ރާއްޖޭގެ ބައެއް ރަށްތައް ފެންމަތީގައި އެހުރީ "ގުދުރަތީ އަޖައިބަކުން"ނެވެ.
އެމެރިކާއިން ޖަޕާނުގެ ހިރޮޝިމާއަށް އެޅި އެޓޮމިކް ބޮމުގެ 23000 ބޮމުގެ ބާރުމިނުގައި ރާޅުބާނިތައް އުފައްދާލި އިންޑިޔާކަނޑުގެ ސުނާމީ ކާރިސާގައި، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ގެދޮރު ގެއްލި މުޅި ދިރިއުޅުން އޮޔާ ގެންދިއުމުން ހާލުގައި ޖެހުނު ރަށްރަށުގެ ރައްޔިތުން ވަގުތީ ހިޔާތަކާއި ޓެންޓްތަކާއި ފަޅު އޮޑި ފަހަރުގައި ދިރިއުޅުން ވޭތުކުރި ދުވަސްތަކާއި ގޮތްތައް ހިތަށް ގެނައުމުން، މިހާރުވެސް ފެންކަޅިވެއެވެ.
ބޯނެ ފެނެއް، ކާނެ އެއްޗެއް އުނު އަންނައުނެއް ނެތެވެ. އެއްފަހަރާ ގިނަ ރަށްތަކަކަށް މި ލިބުނު ކުއްލި ގެއްލުންތައް ފޫބެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރަށް އެންމެ ބޮޑު ދަތިކަމަކަށްވީ މުވާސަލާތީ ޚިދުމަތް މެދުކެނޑިގެން ގޮސްފައިވުމުން، އެންމެ އަވަހަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭންވީ ކޮން އަތޮޅެއްގެ ކޮން ރަށެއްގެ ކޮން ބަޔަކަށްކަން ސާފުކުރުމުގައި ވަގުތު ދިގުލައި ދިއުމެވެ. އަދި މިފަދަ ބޮޑު ކާރިސާއަކަށް އޭރު ތައްޔާރުވެފައި ނެތުމުން، ކަންކަން އަލުންބަލުން ތަރުތީބުކޮށް، ހާލުގައި ޖެހިފައިވާ މީހުންނަށް އަސާސީ އެހީތެރިކަން ފޯރުކޮށްދޭން ފެށުނީ 24 ގަޑިއިރެއްހާ ފަހުންނެވެ. މި ކާރިސާއަށް މިއަދު 19 އަހަރު ފުރޭއިރު ދިވެހިން އޭރު އެއުޅުނު ދަތި ހާލުގެ ހަނދާންތައް ފަނޑުވެ ނުދެއެވެ.
ދެން ފެނިގެން ދިޔައީ ދިވެހިންގެ އެއްބައެއް ވަންތަކަމާއި ދީލަތިކަމުގެ އިންތިހާ ނަމޫނާ މަންޒަރިތަކެވެ. ވެރިރަށް މާލެ ވެގެން ދިޔައީ އެހީގެ ގުދަނަކަށެވެ. އެކި ސަރަހައްދުތަކުގައި ގާއިމުކުރެވުނު އެހީގެ މަރުކަޒުތަކުގައި ދިވެހި ސިފައިންނާއި ފުލުހުންނާއެކު އާންމު ރައްޔިތުން ހިލޭ ސާބަހަށް ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދިޔައެވެ. އަދި އާންމުންގެ ފަރާތުން ހަދިޔާކުރި އެހީގެ ސާމާނު ފުނިފުންޏަށް ބޮޑިވަމުން ދިޔައެވެ. އަދި އެކި އުޅަނދުތަކުގައި ރަށްރަށަށް އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި ދިވެހިން އެ ދުވަހު އެދެއްކި ފޯރިއާއި ޖޯޝާއި ވަރުބަލިނެތް ހިތްވަރަކީ މިއަދު ފަލަ ސުރުހީގައި ފާހަގަކުރަން ޖެހޭ ކަންކަމެވެ.
ލަންކާގައި ހުންނަ އޭއެފްޕީގެ ބިއުރޯ ޗީފް އަމަލް ޖެއިސިންހަ ލިޔެފައިވާ ގޮތުގައި ސުނާމީގައި ބޮޑުބައެއް ފަނާކޮށްލި ދިވެހިރާއްޖެއަށް އެ ކާރިސާގެ ލޮޅުންތަކުން އެއްކިބާވެ، ސަލާމަތުގެ އައްސޭރިއަކަށް ދެވިދާނެކަމުގެ އެންމެ ބޮޑު މިސާލަކީ ދިވެހިންގެ އެއްބައެއް ވަންތަކެމެވެ. ވަކި ބަޔަކަށް އިސްކަން ދިނުމެއް ވަކި ރަށެއް ބާކީ ކުރުމެއް ނެތި، ހަމަހަމަ ކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގައި މުޅި ގައުމު އެކަތިގަނޑެއްގެ ގޮތުގައި ހޭލާ އޮތުމެވެ.
އަވަށްޓެރި ގައުމުތަކާއި މުޅި ދުނިޔޭގެ ދީލަތި އަތް ދިވެހިންނާ ހަމައަށް ފޯރިލެއް އަވަސްކަމީ ދިވެހިންގެ ނަސީބޭ ބުނެވިދާނެއެވެ. ފެނާއި ކާބޯތަކެއްޗާއި ވަގުތީ ހިޔާގެ ސާމާނާއި އަންނައުނު ވެސް މެދުނުކެނޑި ދިޔައީ ލިބެމުންނެވެ. އަދި ރާއްޖޭގައި ހާލުގައި ޖެހިފައި ތިބި އެތައް ހާސް ޓޫރިސްޓުންނެއް އެ މީހުންގެ ގައުމުތަކަށް ގެންދިއުމުގައި އަވަސް ދަތުރުތަކެއް ކުރެވުނެވެ. އެއީ އެ ހާދިސާގައި ހާލުގައި ޖެހުނު ޓޫރިސްޓުން މިއަދުވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމެކެވެ. އަދި އެފަދަ އުންމީދީ ބަސްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ޓޫރިޒަމުގެ ކުރިމަގާމެދު އުފެދިފައިވާ ނުތަވަސްކަމާއި ބިރުވެރިކަން މަޑުމަޑުން ކެނޑި އޭގެ އެންމެ އުހަށް އެރީ، ޓޫރިޒަމް އިންޑަސްޓްރީގެ މީހުންނާއި ދިވެހިންގެ ހިތްހެޔޮކަމާއި އަޅާލުން ބޮޑުކަމާއި ގެއްލުން ފޫބެއްދުމަށް ކުރެވުނު މިންނެއް މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ސުނާމީ ކާރިސާއަށް ފަހު އެފަދަ ދެވަނަ ކާރިސާއެއް މެދުވެރިވެއްޖެނަމަ ކަންކަންކުރާނެ ގޮތުގެ މާސްޓާޕްލޭންތައް ރާވައި، ސޭފް އައިލެންޑް ކޮންސެޕްޓާއި މުވާސަލާތީ ގުޅުން މެދުނުކެނޑޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ރޭވި ރޭވުންތަކަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބި އަދިވެސް ހުރީ ކަރުދާހުގައެވެ. ސޭފް އައިލެންޑްގެ މަޝްރޫއު މިހާރު ކޮބައިތޯއެވެ. އެފަދަ ކާރިސާތަކާމެދު އާންމުން ހޭލުންތެރިކުރުވައި ތައްޔާރުގައި ބޭތިއްބުމަށް ބާއްވަން ރޭވި ޑްރިލްތައް މިހާރު ކޮބައިތޯއެވެ. މިފަދަ ކާރިސާތަކުގައި ލިބޭ ގެއްލުން ފޫބެއްދުމަށާއި އަވަސް އެހީ ފޯރުކޮށްދިނުމަށް ހެދި، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ އިމަޖެންސީ ބަޖެޓުގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއްތޯއެވެ. އަދި އެ އޮފީހުގެ މަސައްކަތްތައް ތަރުތީބު ކުރެވިފައިވަނީ ދިވެހިން އެތަނަކަށް އިތުބާރުކޮށް ބަރޯސާވެވޭ ފަދަ ގޮތަކަށްތޯއެވެ. މި ހުރިހާ ސުވާލުތަކަކަށްވެސް ދެވެން އޮތީ އެންމެ ޖަވާބެކެވެ؛ ނޫނެކެވެ.
މިއަދު މީ އެކަންކަން އަލުން ތަރުތީބުކޮށް ބިނާކުރުވަނިވި މަސައްކަތްތަކެއް ކުރެވޭނެ ތަނަކަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ހަދަންވީ ވަގުތެވެ. ކުއްލި ހާލަތްތައް މެނޭޖްކުރުމަށް ފަނޑު ހާއްސަކޮށް ކޮންމެ އަހަރެއްގެ އަހަރީ ބަޖެޓުގައި ވެސް ކޮންމެވެސް މިންވަރެއް ޖެހުމާއި ބޭރާއި އެތެރެއިންވެސް އެފަންޑަށް އެހީ ހޯދާ، ބޮޑުކުރަންވީއެވެ.
ސުނާމީ ކާރިސާގައި ގެދޮރު ގެއްލި ދިރިއުޅުން ގެއްލި ދިޔަ މީހުންނާމެދު، ދެވަނަ ވިސްނުމަކުން ވިސްނާލައި އެ މީހުންނާމެދު އަދިވެސް އަޅާލުން އިތުރުކުރަންވީ ވަގުތަކީ މިއީއެވެ. ވީވައުދު ރަނުން ރަނަށް ފުއްދުން ލަސްނުކޮށް ތަންފީޒުކުރަންވީ ދުވަހަކީ މިއީއެވެ. ކާރިސާތައް މެނޭޖްކުރުމަށް އުފައްދާފައިވާ ހާއްސަ އިދާރާގެ މަސައްކަތްތައް ހަރުދަނާކޮށް ޒަމާނީ ވަސީލަތްތައް ގާއިމްކޮށް، ކުއްލި ހާލަތުގެ ފަންޑު ވެސް މުއްސަނދިކުރަން މަޖުބޫރުވާކަން މިއަދު ސިޔާސަތު ކަނޑައަޅަން ތިބި މީހުންނަށް ސުނާމީ ކާރިސާގެ ހަނދާތަކުން ސާފުކޮށް އެބަ ބުނެދެއެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.