ސުނާމީ ކާރިސާގެ ހަނދާން އާކުރަން ސުކޫތެއް ގެނެސްފި

އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން ސުކޫތުގައި ބައިވެރިވަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މީގެ 19 އަހަރު ކުރިން، މިއަދު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާން އާކުރުމުގެ ގޮތުން މާލޭގައި ހުރި ސަރުކާރު އޮފީސްތަކާއި، ކުންފުނިތަކުގެ މުވައްޒަފުން ޚާއްސަ ސުކޫތެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް، ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތައް ފަށައިފައިވަނީ މިއަދު ފަތިހު މުޅި ރާއްޖޭގައި ބޮޑު ޖަމާއަތުގައި ކުރެވުނު ފަތިސް ނަމާދުންނެވެ.

އެއަށްފަހު ހެނދުނު 09:23 ގައި ސުކޫތެއްވަނީ ބާއްވައިފައެވެ.

މި ސުކޫތަށް އޮފީސްތަކުގެ މުވައްޒަފުންވަނީ މަގުމައްޗަށް ނިކުމެ، ސަފު ހަދައިފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، ކެބިނެޓް މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް ރައީސް އޮފީސް ކުރިމައްޗަށް ނިކުމެވަޑައިގެން ސުކޫތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ހަމައެއާއެކު ހުޅުމާލޭގައި ސަގާފަތާ ބެހޭ މިނިސްޓްރީން ވަނީ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ބައިވެރިވެވަޑައިގެންފައިވެއެވެ.

މިނިސްޓަރު ދެއްކެވި ވާހަަކައިގައި ވަނީ އިޖްތިމާއީ ބަދަލުތައް ވެސް ހޯދައި ދެނެގަނެ، ދިވެހީންގެ ސަލާމަތަށް ޓަކައި، އަމިއްލަ މިނިވަންކަން ދެމެހެއްޓުމަށް ޓަކައި މަސައްކަތްކުރުމަކީ މުހިންމު ކަމެއް ވިދާޅުވެފައެވެ.

"ދިވެހީން، ދިވެހީންގެ ގޮތުގައި ދެމިތިބުމުގެ ރޫހެއް ގެންނަމާ ހިނގާށޭ. ސުނާމީ އަޅުގަނޑުމެންނަށް ބުނެދެނީ މި ވާހަކައޭ. އަޅުގަނޑުމެން އެއްބައި ކުރަނީ ހަމައެކަނި ފަސްގަނޑެއް ނޫނޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މި ގޮތަށް ސުކޫތު ގެނައުމަކީ މި ދުވަސް ފާހަގަ ކުރުމަށް އަބަދުވެސް ކޮށް އުޅޭ ކަމެކެވެ.

comment ކޮމެންޓް