ރައީސް ޑރ. މުއިއްޒު ކުރީގެ ރައީސް މައުމޫނާ ވެސް ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ވެސް މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގައެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ގައުމުގެ އިޖުތިމާއީ ކަންކަމާއި ސިޔާސީ ކަންކަމާ ގުޅޭގޮތުންކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގެ ކުރިން، ނިމުނު ހަފުތާގައި އެ މަނިކުފާނުވަނީ، އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމުގެ އިތުރުން އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމާ ވެސް ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒުވަނީ ސަރުކާރު ހިންގެވުމުގައި ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ.

އަދި އިތުރު ބައްދަލުވުންތައް ވެސް ސިޔާސީ ވެރިންނާއެކު ކުރިއަށްގެންދާވެނަކަމަށް ވިދާޅުވިކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މަޖިލީހުގައި ތިއްބަވާ މި ބޭފުޅުންނާ ރައީސް ބައްދަލުކުރެއްވިއިރު މި ވަގުތު ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ވެސް މަޖިލީހުގައި އެބައޮތެވެ.

އަދި ކުރިއަށް އޮތީ، ވެސް ސިޔާސީ ކަންކަން ގިނަވާނެ ދުވަސްވަރެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް މިހާރު އޮތީ ވަރަށް ކުޑަތަން ވެފައެވެ.

comment ކޮމެންޓް