ނަފްސާނީ ފަރުވާއަށް ޚާއްޞަ ސެންޓަރެއް ވިލާ ކޮލެޖުގައި ހުޅުވައިފި

ވީކެއާ ކައުންސެލިން އެންޑް ސައިކޮތެރަޕީ ސެންޓަރު ހުޅުވުމުގެ ތެރެއިން---ފޮޓޯ/ވިލާ ކޮލެޖު

ނަފްސާނީ ފަރުވާ ދިނުމަށް ޚާއްސަ ސެންޓަރެއް މިއަދު ވިލާ ކޮލެޖުގައި ރަސްމީކޮށް ހުޅުވައިފިއެވެ.

"ވީކެޔާ ކައުންސެލިން އެންޑް ސައިކޮތެރަޕީ ސެންޓަރު"ގެ ނަމުގައި ހުޅުވި އެ ސެންޓަރަކީ، ތައުލީމު ފޯރުކޮށްދޭ މަރުކަޒަކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރި އެފަދަ ސެންޓަރެވެ.

ވީކެއާ ކައުންސެލިން އެންޑް ސައިކޮތެރަޕީ ސެންޓަރު ހުޅުވުމުގެ ތެރެއިން---ފޮޓޯ/ވިލާ ކޮލެޖު

އެ ސެންޓަރު ހުޅުވައި ދެއްވާފައިވަނީ ވިލާ ކޮލެޖުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަޙްމަދު އަންވަރެވެ.

ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަންވަރު ވިދާޅުވީ ވިލާ ކޮލެޖުގައި މި ސެންޓަރު ހުޅުވުމުގެ މައިގަނޑު މަގުސަދަކީ އެ ކޮލެޖާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންނަށް ނަފްސާނީ ގޮތުން ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުންކަމަށެވެ.

ވީކެއާ ކައުންސެލިން އެންޑް ސައިކޮތެރަޕީ ސެންޓަރު ހުޅުވުމުގެ ތެރެއިން--- ފޮޓޯ/ވިލާ ކޮލެޖު

އޭގެ އިތުރުން، މި ސެންޓަރުގެ ސަބަބުން ވިލާ ކޮލެޖުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށާއި، ދަރިވަރުންނާއި މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އެހީތެރިވެދޭނެ ތަނެއްގެ ގޮތުގައި މި ސެންޓަރު ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ޑރ. އަންވަރު ވިދާޅުވިއެވެ.

މި ސެންޓަރުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ސައިކޮސޯޝަލް ސަޕޯޓް، ކައުންސެލިން، ސައިކޮތެރަޕީ އަދި ސައިކޮލޮޖިކަލް އެސެސްމަންޓްގެ ޚިދުމަތް ހިމެނެއެވެ.

ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަޙްމަދު އަންވަރު--ފޮޓޯ/ވިލާ ކޮލެޖު

މީގެ އިތުރުން ވިލާ ކޮލެޖުގައި ބެޗެލާސް އިން ސައިކޮލޮޖީ އަދި މާސްޓާސް އޮފް ސައިންސް (ކައުންސެލިން)ގެ ދާއިރާއިން މިހާރު ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް މި ސެންޓަރުގައި އެކަޑަމިކް އަދި ފަންނީ ތަޖުރިބާގެ ގޮތުގައި އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ހަމަޖެހިފައި އޮންނާނެކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖުން ބުނީ އެ ސެންޓަރުގެ ޚިދުމަތް ލިބެން ހުންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 09:00އަށް ކަމަށެވެ.

އެ ސެންޓަރުގެ ޚިދުމަތްތައް މިއަދުން ފެށިގެން ޢާންމުންނަށްވެސް ވަނީ ހުޅުވާލާފައެވެ. އެޕޮއިންޓްމަންޓް ބުކް ކުރުމަށް ހަމަޖެހިފައިވަނީ ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

comment ކޮމެންޓް