ކާޑު ލިމިޓު 1،200 ޑޮލަރަށް ބޮޑުކޮށްފި

ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު މިހާރު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭނެ--- ފޮޓޯ/ ބީއެމްއެލް

ގައުމީ ބޭންކު ބީއެމްއެލްގެ ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް މަހަކު ޑޮލަރު ނެގޭ ލިމިޓު 1200 ޑޮލަރަށް ބޮޑުކުރަން ސަރުކާރުން އިއްޔެ ނިންމައިފިއެވެ.

ބީއެމްއެލްގެ ކާޑުން ނެގޭ ޑޮލަރު ލިމިޓުވެފައި އޮތުމުން ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެއެވެ. ކުރިން އޮތް ގޮތުން، ބީއެމްއެލްގެ ކްރެޑިޓު އަދި ޑެބިޓު ކާޑު މެދުވެރިކޮށް ނެގެނީ މަހަކު 750 ޑޮލަރެވެ. އެއީ، ކޮވިޑަށް ފަހު ކުރިމަތިވީ އިގުތިސާދީ ހީނަރުކަމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ކަނޑައެޅި ލިމިޓެކެވެ.

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި ނިންމެވި ބައެއް މުހިއްމު ނިންމެވުންތަކުގެ މައުލޫމާތު ހިއްސާކުރަން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ޑޮލަރު ނެގޭ ލިމިޓު 1،200 ޑޮލަރަށް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ޑޮލަރު ލިމިޓު އުވައިލުމުގެ ކަންކަން ކުރިއަށް ގެންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެހެންވެ، ފުރަތަމަ މަރުހަލާފައި އަދި ޑޮލަރު ލިމިޓު 1،200 ޑޮލަރަށް ބޮޑުކުރީ ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް އެކަނި ކަމަށެވެ.

އެހެންވެ، އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކިޔަވާ ކުދިންނަށް ކާޑުން މަހަކު 1،200 ޑޮލަރު ނެގޭނެއެވެ.

"އެކެއް ފެބްރުއަރީން ފެށިގެން ކޮންމެ ކިޔަވާ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ކާޑުން [ނެގޭ މިންވަރު] 1،200 އެމެރިކާ ޑޮލަރަށް ބޮޑުކުރަން އިއްޔެ ކެބިނެޓުން ވަނީ ނިންމާފައި،" ނާޒިމް ވިދާޅުވިއެވެ.

ބޭންކުތަކުން ކަނޑައަޅާފައި އޮންނަ ޑޮލަރު ލިމިޓު އުވައިލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އިއްޔެގެ ނިންމެވުމާ ގުޅިގެން ކުރައްވަން ޖެހޭ ކަންތައްތައް މާލީ ވުޒާރާއާއި މަރުކަޒީ ބޭންކު (އެމްއެމްއޭ)އާއި ބީއެމްއެލް ގުޅިގެން ކުރިއަށް ގެންދަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

ޑޮލަރު ލިމިޓުކުރުން އެއީ ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނާއި އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

comment ކޮމެންޓް